ސްރީލަންކާގެ އިދިކޮޅު ކޮމަން ކެންޑިޑޭޓް މައިތިރިޕާލާ ސިރިސޭނާ ކެމްޕޭން ރެލީއެއް ނިންމާލާފައި ވަޑައިގެންނެވި ތަނާ، ނަމަވެސް އެއްބަޔަކު ނުގޮސް ތިއްބައި ބަޑި ޖެހި އަޑު އިވުނު ކަމަށް އެ އެއްވުމުގައި ބައިވެރިވި ބަޔަކު ބުނެފި އެވެ.
އެ ހާދިސާގައި ސިރިސޭނާ ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް ބަޑީގެ ސަބަބުން އެކަކަށް އަނިޔާވެފައިވާ ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން މިއަދު ބުންޏެވެ.

ނަމަވެސް ފުލުހުން ބުނީ އެފަދަ ކަމެއް ހިނގި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.

މީހަކަށް ގެއްލުންވީ ބަޑީގެ ހަމަލާއަކުން ކަމެއް ނޫނީ، ބިރުގަނެގެން ހިނގި ހާދިސާއަކުން ކަމެއް ނުބުނެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އާ ހަވާލާދީ ހިންދޫ ނޫހުން ބުނީ އެ ޕާޓީގެ ކެންޑިޑޭޓާއި ބޮޑުން ދިޔަ ފަހުން އެ ސަރަހައްދުން ބަޑީގެ އަޑު އެ ޕާޓީގެ މީހުންނަށް އިވުނު ކަމަށެވެ.

އަދި ޔޫއެންޕީ އިން ބުނީ އެ ޕާޓީގެ މީހުން ޖަލްސާ ނިންމާލާފައި ނައްޓާލިތަނުން ވެހިކަލަށް ގާ އުކައި ހަމަލާދީފައިވާ ދިން ކަމަށެވެ.

ހޮނިހިރު ދުވަހު ރެލީ ބޭއްވީ އިދިކޮޅު ކެންޑިޑޭޓް ސިރިސޭނާގެ އަވަށް، އަރަލަގަނަވިލާ ގަ އެވެ.

ރާޖަޕަކްސާގެ ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުން ސިރިސޭނާ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވައި ރާޖަޕްކާސާ އާ ދެކޮޅަށް ނުކުންނެވުމުން ރާޖަޕަކްސާ އަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލައްވަން ޖެހިފަ އެވެ.

އަންނަ ބުރާސްފަތި ދުވަހު އޮންނަ އިންތިހާބު ގައިދަށްވެފައިވާ އިރު ލަންކާގެ މަސްރަހު އަންނަނީ ހޫނުވަމުން ކަމަށް ފުލުހުންނާއި މޮނިޓަރުން ބުންޏެވެ.

މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ގޮވާލައި މަސައްކަތް ކުރާ ފަރާތްތަކާ ހަވާލާދީ، ނިއުސް އެޖެންސީ އޭއެފްޕީ އިން ބުނީ، މިނިވަން އިންތިހާބަކަށް ވަކާލާތު ކުރާ މިހާތަނަށް 1073 ޝަކުވާ ހުށަހެޅިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މީހުންނަށް މާބޮޑު ޝަކުވާއެއް ނުލިބޭ ކަމަށާއި ނަމަވެސް 130 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އަހަރުންނަށް އެބަފެނޭ ހަމަނުޖެހުންތައް އިތުރުވަމުން އަންނަތަން. ހަމަނުޖެހުންތައް ހިންގަނީ ވަރަށް ރަނގަޅަށް ރޭވިގެން. މުޅިން ވެސް ހަމަލާތައް އަމާޒު ވަނީ އިދިކޮޅު ކެންޑިޑޭޓްގެ ކެމްޕޭނަށް." އޭއެފްޕީ އަށް ވާހަކަ ދެއްކި، މިނިވަން އިންތިހާބަކަށް ވަކާލާތު ކުރާ މީހަކު ބުންޏެވެ.

ހުކުރު ދުވަހު ބޭއްވި ރެލީއަކަށް ގަލުން ދިން ހަމަލާއެއްގައި އިދިކޮޅު ލީޑަރު ސަލާމަތްވީ ހަނި ގޮތަކަށެވެ. އެ ހަމަލާގައި 20 މީހަކު ޒަހަމުވި އެވެ. އަދި ގަލުގެ ހަމަލާތައް ދިނީ ސަރުކާރަށް ތާއީދު ކުރާ ބައެއް ކަމަށް ވަނީ ބެލެވިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ރައީސް ރާޖަޕަކްސާ އަވަސް އިންތިހާބަކަށް އިއުލާން ކުރެއްވީ އޭނާގެ ރިޔާސީ ދައުރުން ދެ އަހަރު ބާކީ އޮއްވަ އެވެ. އޭނާ އަވަސް އިންތިހާބަކަށް އިއުލާން ކުރެއްވީ އޭނާގެ ތާއީދު ދަށަށްދާ ތަން ފެންނަން ފެށުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.