ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދުއަށް ގޭސް ނުލިބޭތީ އެރަށު ރައްޔިތުން ދަރުންނާއި ތެޔޮ އުނދުނުން ކައްކަން ފަށާފައިވާ ކަމަށް ދިއްދޫ ކައުންސިލުން ބުނެފި އެވެ.

އާބާދީގައި 4081 މީހުން ރަޖިސްޓްރީކޮށްފައިވާ އަދި އަތޮޅުގެ ގިނަ ބަޔަކު އެތައް ބޭނުމެއްގައި ހިޖުރަކޮށްފައިވާ ދުއްދޫގައި 821 ގެއެއްގައި މީހުން ދިިއުޅެއެވެ. އެރަށަށް ގޭހުގެ ދަތިކަން ކުރިމަތިވެފައިވާތާ މިހާރު ވަނީ ދެތިން ދުވަސް ވެފައިކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިނާން މިއަދު 'ސަން'އަށް ވިދާޅުވީ، އެރަށަށް ގޭހުގެ ދަތިކަން ކުރިމަތިވެފައިވަނީ ފެނަކަ ކޯޕަރޭޝަނުން އެރަށަށް ގޭސް ވިއްކުމުގެ ވިޔަފާރި ކުރަމުން އައިސް އެކަން ހުއްޓާލުމާއި ގުޅިގެން ކަމަށެވެ. އެ ކޯޕަރޭޝަންގެ އިތުރުން ދެން އެރަށުގައި ގޭސް ވިއްކަނީ އަމިއްލަ ފަރުދެއް ކަމަށާއި އޭނާގެ އަތުގައި ހުރީ 100 ފުޅީގެ ސްޓޮކެއްކަމުން އެވަރުން ރަށުގެ ރައްޔިތުންނަށް ބޭނުންވާވަރަށް ގޭސް ފޯރުކޮށް ނުދެވޭ ކަމަށް ވިދާޅުވި އެވެ.

"ފެނަކައިން ގޭސް ވިއްކުން ހުއްޓާލާފައިވަނީ އެއީ އެބޭފުޅުންގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެ." ޝިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެރަށު ރައްޔިތުންނަށް ކެއްކުމުގައި މިހާރު ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން މިހާރު ކެއްކުމަށް އާންމުކޮށް ބޭނުންކުރަނީ ދަރާއި ތެޔޮ އުނދުން ކަމަށެވެ.

ގޭހުގެ ދަތިކަން ހައްލުކޮށްދިނުމަށް މަސައްކަތްތަކެއް ކައުންސިލުން ވެސް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަމަށް އަދި ހައްލެއް ލިބުމުގެ އިތުރުން އަލިމަގެއް ވެސް ފެނިފައިނުވާކަމަށް ޝިނާން ވިދާޅުވި އެވެ.