04 Jan 2015, 11:14
ލޮލުގެ ބަލިތަކަށް ހިލޭ ފަރުވާ ދިނުމަށް "މަހަލްދީބް ފީމާ ސޭވް ވިޝަން"ގެ ނަމުގައި ހުޅުމާލޭގައި ކޭމްޕެއް ފައްޓައިފި އެވެ.
މިކަމަށް ޓަކައި މިއަދު ހުޅުމާލޭ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ ސިއްހީ ނިޒާމުގެ ކުރިއެރުމަށް ކުރާ ކަންތައްތައްކަށް އަބަދުވެސް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ. ހުސައިން ރަޝީދު ވިދާޅުވީ މީގެ ކުރިން ވެސް މިފަދަ ކޭޕްތަކެއް ރާއްޖޭގައި ބޭއްވިގެން ދިޔަކަމަށާއި އެ ކޭޕްތައް ފަދައިން މިއަދު ފެއްޓިގެން ދިޔަ ކޭމްޕަކީ ވެސް ކާމިޔާބު ކޭމްޕަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"މީގެ ކުރީގައި ވެސް މިފަދަ ވަރަށް ކާމިޔާބު ކޭމްޕުތަކެއް ވަނީ ބޭއްވިގެން ގޮސްފައި. އެހެންކަމުން އަޅުގަނޑު އުއްމީދު ކުރަން އެ ކޭމްޕުތައް ފަދައިން މިއަދު ފެށިގެން މިދާ ކޭމްޕަކީ ވެސް ވަރަށް ކާމިޔާބު ކޭމްޕަކަށް ވެގެންދާނެ ކަމަށް." ހުސައިން ރަޝީދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. ޝީޒާ އަލީ މިއަދު ވިދާޅުވީ މި ކޭމްޕުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 800 އަށް ވުރެ ގިނަ ފަރާތްތަކުން މި ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
"ހުރިހާ އެންމެނަށް ހިދުމަތް ނުދެވިދާނެތީ 500 އަށް ވުރެ ގިނަވާ މީހުން އަޅުގަނޑުމެން ވާނީ ވެއިޓް ލިސްޓެއްގެ ގޮތަށް ރަޖިސްޓްރީ ކޮށްފައި ވާނީ. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރާނަން ހުރިހާ އެންމެނަށް ވެސް ފުރުސަތު ދެވޭތޯ."
މަހަލްދީބު ފައުންޑޭޝަނުނާއި ޕާކިސްތާނުގެ ފީމާ ސޭވް ވިޝަންއާއި ސައުދީ އަރަބިއްޔާގެ އިންޓަނޭޝަނަލް އިސްލާމިކް ރިލީފް އޯގަނައިޒޭޝަން އަދި މިނިސްޓްރީ އޮފް ހެތް ގުޅިގެން މިއަދު ހުޅުމާލޭގައި ފެށި މި ހެލްތު ކޭމްޕަކީ މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަށް ކުރިއަށް ގެންދާ ކޭމްޕް އެކެވެ. މިކޭމްޕްގައި ލޮލުގެ ފުސްކެހުމާއި ލެންސް ލެއްވުވުމުގެ އިތުރުން ލޮލުގެ ހުރިހާ ފަރުވާއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއިން އެއްވެސް ކަމަކަށް އަގު ނުނަގާނެ ކަމަށް މަހަލްދީބު ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ.
ސައުދީ އަރަބިއާ އަދި ޕާކިސްތާނުގެ ލޮލުގެ ބަލިތަކާ ގުޅޭ ތަޖުރިބާކާރުން ދަނީ ބަލި މީހުންނަށް ފަރުވާ ދެމުން ނެވެ.