އެޑިއުކޭޝަން މިނިސްޓްރީން ލ. ގަމު އިހައްދޫ ސްކޫލުގައި ގްރޭޑް އަށެއް އުފެއްދުމަށް ހުއްދަ ދިނުމުން، ކުދިން ސްކޫލަށް ދިއުމަށް ތައްޔާރުވެފައި ވަނިކޮށް އެ މިނިސްޓްރީން ހުއްދަ ބާތިލް ކުރުމާ ގުޅިގެން އެ ސްކޫލުގެ ބެލެނިވެރިން މުޒާހަރާކުރަން ފަށައިފި އެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ، އިހައްދޫ ސްކޫލުގެ ބެލެނިވެރިއަކު މިއަދު 'ސަން'އަށް ބުނީ، މުޒާހަރާގައި ބެލެނިވެރިންގެ މައިގަނޑު ކަންބޮޑު ވުމަކީ، ކުދިން ސްކޫލަށް ދިއުމަށް ތައްޔާރު ވެފައި ވަނިކޮށް، ހުއްދަ ބާތިލް ކުރުން ކަމަށާއި، ސްކޫލަށް ވަނުމަށް ކައިރި ރަށް ރަށުގެ ކުދިންވެސް އެރަށަށް އައިސްފައި ވާ ކަމަށެވެ.

އޭނާ ބުނީ ގްރޭޑް އަށެއް އުވާލިކަން އެޑިއުކޭޝަން މިނިސްޓްރީން ޔަގީން ކޮށްދީފައި ނުވާއިރު، ބެލެނިވެރިންނަށް ފުރަތަމަ އެކަން އެނގުނީ މީޑިއާއިން ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މުޒާހަރާއާ ގުޅިގެން، ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބެލެނިވެރިންގެ އަރިހުން ކެއްތެރި ވުމަށް އެދިފައި ވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކުދިން ސްކޫލަށް ވެއްދުމަކީ ފަސޭހަ ކަމެއް ނޫން. ސްކޫލު ހުޅުވެން މިހާރު ހަފްތާ އަކަށްވީ، އަނެއްކާ އެހެން ސްކޫލަކަށް ވައްދަންޏާ އެއީ ބޮޑު ތަކުލީފެއް. އަނެއްކާ މިއީ ބޮޑު ރަށެއް،" ބެލެނިވެރިއަކު ބުންޏެވެ.

އޭނާ ބުނީ ސްކޫލުގެ ގްރޭޑް އަށަކަށް ވަނުމަށް ތައްޔާރު ވެފައިވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ނަފްސާނީ ބިރުވެރިވެރި ކަމެއްގެ ތެރޭގައި ތިބިކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ބާތިލު ކުރިކަން ކަށަވަރުވުމުން ކޯޓަށް ދާން ވެސް ފަހަތަށް ނުޖެހޭނެ ކަމަށް މުޒާހަރާގައި ތިބި ބެލެނިވެރީން ދަނީ ބުނަމުންނެވެ.

"މިމައްސަލަ ކޯޓަށް ލާންވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން، ކޯޓަށްވެސް ދާނަން،" ބެލެނިވެރިއަކު 'ސަން'އަށް ބުންޏެވެ.

އިހައްދޫ ސްކޫލުގެ ގްރޭޑް އަށެއް އުވާލިކަމަށް އެ ސްކޫލުންނާއި އެ ސްކޫލުގެ ބެލެނިވެރިން ބުނަމުންދާއިރު، އެޑިއުކޭޝަން މިނިސްޓްރީން އަދި އެކަން ޔަގީންކޮށްދީފައި ނުވާކަމަށް އެފަރާތްތަކުން ދަނީ ބުނަމުން ނެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން އެ މިނިސްޓްރީގެ ބަހެއް ވަނީ 'ސަން'އަށް ލިބޭ ގޮތް ނުވެފައެވެ.