ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލ. އަތޮޅުގައި ހަދާ ލިންކް ރޯޑްގެ ހެދުމަށް ބޭނުންވާ ސަރަހައްދުން ބައެއް ރުއްތައް ކަނޑަން ފަށައިފި އެވެ.

ހައުސިންގް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މަގު ހެދުމަށް ބޭނުންވާ ސަރަހައްދުގައި ހުރި ބައެއް ރުއްތައް ކަނޑަމުން ގެންދާ ކަމަށެވެ. އެގޮތުން އެ މަގު ހެދުމަށް ޓަކައި މަގު ހިމެނޭ ސަރަހައްދުން ބައެއް ރުއް ކެނޑުމަށް ކުރިން ވެސް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަގުގެ ފުޅާ މިނަކީ 16.5 މީޓަރެވެ.

"މަގުގެ ޑިޒައިނަށް އެއްވެސް ބަދަލެއް ނާދޭ މަގު ހަދަން ކުރިން ވެސް ހަމަޖައްސާފައި ވަނީ އެ ސަރައްހަދުން ބައެއް ރުއްތައް ކަނޑަައިގެން،" އޮފިޝަލް ވިދާޅުވި އެވެ.

އެ މަގު ހެދުމަށްޓަކައި މާންދޫ އިން 357 ރުކާއި ކައްދޫ އިން 443 ރުކާއި ގަމުން 1282 ރުއް އަދި ފޮނަދޫ އިން 454 ރުއް ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރުއްތައް ކަނޑަމުން ގެންދަނީ މަގު ފުޅާކުރުމަށް ބޭނުންވާ ޖާގަ ހޯދުމަށް ކަމަށެވެ. އެގޮތުން ފުނަދޫގައި އެ މަގު އަރާ ސަރަހައްދުން މަގު ސީދާ ކުރުމުގެ ގޮތުން ވަލު ތެރެއިން ވެސް ބައެއް ރުއްތައް ކެނޑުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ މަގުގެ ދެކޮޅަށް ދެ ފަޅިން ދުއްވޭ ގޮތަށް މަގު ހެދުމަށް ރުއްތައް ކެނޑުމުގެ މަސައްކަތް ދަނީ ކުރަމުން، ފޮނަދޫއާވީ ދިމާލު ވަލު ތެރެއިން ވެސް ވަނީ ރުއްތައް ކަނޑާފައި،" އޭނާ ބުންޏެވެ.

މަގު ހެދުމަށް ޓަކައި ކަނޑަމުން ގެންދާ ރުއްތަތަކީ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތަކެއް ކަމަށާއި އެ ރުއްތައް ނީލަން ކިޔުުމަށް ހަމަޖައްސާފައިވާ ކަަމަށް ވެސް އޭނާ ބުންޏެެވެ.

ޗައިނާ ސަރުކާރުން 30 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަަޖެހިފަ އެވެ.

ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ ހަވާލުކޮށްގެން ޗައިނާގެ ސަރުކާރުން ހަދާ އެ ލިންކް ރޯޑަކީ ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ މަގެކެވެ. އެ މަގަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ. ލިންކް ރޯޑްގެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ.