04 Jan 2015, 10:50
ގަލަމް އިންޓަނޭޝަނަލް ސުކޫލް އުވާލުމުން އެނިންމުން ބާތިލް ކަމަށް ކޯޓުން ކަނޑައަޅާފައިވަނިކޮށް ވިލިމާލޭގެ ޕްރީ ސުކޫލް ދަރިވަރުންނަށް މުހްޔިއްދީން ސްކޫލުގައި ވަގުތީ ގޮތުން ކިޔަވައިދިނުމަށް ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެގޮތަށް ނިންމީ، އެ އަވަށުގައި ޕްރީސުކޫލް ތައުލީމް ހާސިލް ކުރަމުންގެންދިޔަ ބައެއް ދަރިވަރުންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު އޮތްކަމަށް ބުނެ އެ މައްސަލަ އެކުދިންގެ ބެލެނިވެރިން އެ މިނިސްޓްރީގެ ސަމާލްކަމަށް ގެނެސްފައިވާތީ ކަމަށެވެ. އެހެންކަމުން ވިލި މާލެއިން ޕްރީސްކުލްގެ ތައުލީމް ހާސިލް ކުރަން އެދޭ ކުދިންނަށް މުހްޔިއްދީން ސްކޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށް ބުންޏެވެ.
މިހާރު އެސްކޫލުން އެޕްލިކޭޝަން ފޯމް ދޫކުރަމުންދާއިރު ޕްރީސްކޫލަށް ކުދިން ވައްދަން އެދޭ ފަރާތްތަކުން މިމަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ފޯމް ހުށައެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިލައްވައެވެ.
ގަލަމް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ނަމުގައި ވިލިމާލޭ ޕްރީ ސްކޫލް ހިންގަމުން ދަނިކޮށް، އެތަނުގެ ރަޖިސްޓްރީ އެޑިއުކޭޝަން މިނިސްޓްރީން ބާތިލްކޮށް އެޑިއުއޮޕްޝަންސް ޕްރައިވެޓް ލިމިޓެޑުގެ އަތުން އެތަން އަތުލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ އެއްބަސްވުމަކީ ބާތިލްނުވެ ހިނގަމުންދާ އެއްޗެއް ކަމުގައި ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
މުހްޔިއްދީން ސްކޫލުގައި ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދޭން ފަށާއިރު އެ ސްކޫލަކީ މީގެ ކުރިން ގްރޭޑް އެކަކުން ދިހަޔަކަށް ކިޔަވައިދެމުން އައި ސްކޫލެކެވެ. އެ ސްކޫލްގައި ޕްރައިމަރީ ކުދިންނަށް ކިޔަވައިދޭންޖެހުނީ އެއަވަށުގައި ހިންގަމުން އައި ގަލަމް ސްކޫލްގެ އެއްބަސްވުން ބާތިލް ކުރުމުންނެވެ. ގަލަމް ސުކޫލުގެ އިތުރުން އެހެން ޕްރީ ސްކޫލެއްވެސް އެ އަވަށުގައި ހިންގައެވެ.