04 Jan 2015, 10:47
ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތު ކުރެވޭ ލެޕްޓޮޕަކާއި ގަހަނާތަކަކާ އެކު އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އެމީހާ ހައްުޔަރުކުރީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން އިއްޔެ ހަވީރު 16:45 ހާއިރު ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން ވަގަށް ނަގާފައިވާކަަމަށް ތުޙުމަތުކުރެވޭ ލެޕްޓޮޕަކާއި ގަހަނާތަކުގެ އިތުރުން ދެ ޗާޖަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މިހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 11 ފަހަރު ހުއްޓުވައި ސުވާލުކޮށް ހަތަރު ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއްފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އެމީހާގެ މައްސަލަ ތަޙުގީގު ކުރަމުން އަންނަ ކަމަށެވެ.