04 Jan 2015, 10:43
ފަލަސްތީނު މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުގެ ކަންތައްތައް ބަލަހައްޓަމުން އަންނަ ޕެލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) އަށް ޓެކްސްގެ ގޮތުގައި ލިބިފައިވާ 127 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހިފަހައްޓަން އިސްރާއީލުން ނިންމައިފި އެވެ.
އިސްރާއީލު ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން އިއްޔެ ބުނީ އެފައިސާ ހިފަހައްޓަން އިސްރާއީލް ސަރުކާރުން ނިންމީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ފަލަސްތީނުން ބައިވެރި ވުމުން ކަމަށެވެ.
ފަލަސްތީނު މީހުންގެ ފަރާތުން އިސްރާއީލް ސަރުކާރުން ނަގާ ކަސްޓަމްސް ޑިއުޓީ ފަދަ ޓެކްސްތަކުގެ ފައިސާއަކީ ޕީއޭ އިން މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންކުރާ ފައިސާ އެވެ. އެފައިސާ ނުލިބިއްޖެ ނަމަ ޕީއޭގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުގެ އާއްމު ހިދުމަތްތަކަށް ބުރޫ އަރާނެ އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ބައިވެރިވުމާއި އިސްރާއީލު އުފެއްދި ފަހުން ހިފާފައިވާ ބިންތަކުން ފޭބުމަށް ގޮވާލާ ގަރާރެއް ޔޫއެން އަށް ހުށަހެޅުމާއި ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގައި ސޮއިކުރުން ފަދަ ކަންތައްތަކާ ހެދި އިސްރާއީލާއި އެގައުމު ދަމަހައްޓައިދޭ އެމެރިކާއިން ވަނީ ރުޅި އައިސްފަ އެވެ. ބިންތަކުން އިސްރާއީލް ފޭބުމަށް ގޮވާލައި ހުށަހެޅި ގަރާރު އެމެރިކާއާއި އެގައުމަށް ވާގިދޭ ގައުމުތަކުން ވަނީ ނާކާމިޔާބު ކޮށްލާފަ އެވެ.
ފަލަސްތީނުގެ ބިންތަކުގައި 1948 ވަނަ އަހަރު ގަދަ ބާރުން އުފައްދާފައިވާ ޔަހޫދީ ދައުލަތުން އަންނަނީ ފަލަސްތީނުގެ ބިންތަކުން އެތަނުގެ ވަޒަންވެރިން ބޭރުކޮށް ޔަހޫދީން އާބާދު ކުރަމުންނެވެ. އެކަމުގައި ޔަހޫދީ ދައުލަތަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާއެވެ.