04 Jan 2015, 10:34
އައްޑޫ ސިޓީ ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ޖުނާ ފުޓްބޯލް ޗެލެންޖް 2014-2015ގައި މަލްޓި ޖީނިއަސް ޓީމު، ގްރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލުން އެ ޓީމު ޖާގަ ހޯދައިފި އެވެ.
އިއްޔެ ކުޅުނު އެ މެޗު މަލްޓި ޖީނިއަސް ކާމިޔާބުކުރީ، މުލިމަތި ޔުނައިޓަޑާ ބައްދަލުކޮށް އެ ޓީމްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެނެވެ. އެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ލީޑް ނެގީ މުލިމަތި ޔުނައިޓަޑެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ އަހުމަދު ފަރުހާދު އެވެ. މެޗުގެ ނަތީޖާ މަލްޓި ޖީނިއަސްއަށް އެއްވަރު ކުރެވުނީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގައި އެ ޓީމްގެ ޝަމްވީލް ގާސިމް (ބޮންޑާ) އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑާއެކު އެވެ.
މެޗުގެ އެޑްވާންޓޭޖް މަލްޓި ޖީނިއަސްއަށް ލިބުނީ މެޗުގެ ދެވަނަ ހާފްގައި މުލިމަތި ޔުނައިޓަޑްގެ މުހައްމަދު ސިމްހާން ކުރި ފައުލަކާ ގުޅިގެން ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވާލުމުން ނެވެ. އޭގެ ފަސް މިނެޓު ފަހުން މަލްޓި ޖީނިއަސް ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ލީޑް ނަގާފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 80 ވަނަ މިނެޓުގައި އެ ޓީމްގެ އިބްރާހިމް ޝިޔާމް (ދޮނާ) އެވެ. އެ ލަނޑާއެކު މެޗު ނިމިގެން ގޮސްފައި ވާއިރު، އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަލްޓި ޖީނިއަސްގެ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
އިއްޔެގެ ކާމިޔާބީއާއެކު މަލްޓި ޖީނިއަސް އެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައި ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، މުޅިއެކު ނުވަ ޕޮއިންޓާއެކު ގްރޫޕް 'އޭ' ތާވަލްގެ އެއްވަނަ މަގާމް ހާސިލްކޮށްގެނެވެ. މުލިމަތި ޔުނައިޓަޑްވެސް އެ މުބާރާތުގައި މިހާތަނަށް ތިން މެޗު ކުޅެފައި ވާއިރު، އެ ޓީމް ވަނީ ކުޅުނު ތިން މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފައެވެ.
އެ މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ދަ ފޭދޫ ސްޕޯޓްސް އާއި ފްރެންޑްސް ކްލްބެވެ. އެ ދެ ޓީމް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ދެ މެޗު ކުޅެފައި ވާއިރު، އެ ދެ ޓީމް ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް މުބާރާތުގައި މުޅިއެކު ހަ ޕޮއިންޓް ހޯދާފައެވެ. އެހެން ކަމުން އެ ދެ ޓީމަށް މިހާރު މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރު ވެފައި ވާއިރު، މުބާރާތުގެ ގްރޫޕް 'ބީ' އިން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރުކުރާނެ ޓީމް މިއަދު ކަށަވަރުވާނެ އެވެ.
ކުރިން 'ގްލޯބަލް ލިންކްސް ޗެލެންޖް ކަޕް' ގެ ނަމުގައި ބާއްވަމުން އައި އެ މުބާރާތް މިފަހަރު 'ޖުނާ ފުޓްބޯލް ޗެލެންޖް' އަށް ރިބްރޭންޑް ކޮށްފައި ވާއިރު، އެ މުބާރާތުގެ ޗެންޕިއަން ޓީމަށް މިފަހަރު ވަނީ 200،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.