ސޯޅަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 53 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ރޭ ދަންވަރު 01:45 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ހައްޔަރުކޮށް އޭނާ އުޅެމުންދާ ކޮޓަރި ބަލައި ފާސްކުރި އިރު ބަރަހަނާ މަންޒަރު ދައްކުވައިދޭ މެގަޒިންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.