ސްޓޮކްހޮމް (ޖަނަވަރީ 4): ސްވިޑްންގެ މިސްކިތްތަކަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް އެގައުމުގެ އެތަށްހާސްބަޔަކު މުޒާހަރާކޮށްފި އެވެ.

ސްވިޑްންގެ މުސްލިމުން އިސްނަގައިގެން އެގައުމުގެ ބޮޑެތި ސިޓީތަކުގައި އިއްޔެ ކުރި މުޒާހަރާތަކުގައި އެގައުމުގެ ސިޔާސީ ފަރާތްތަކާއި ސުލްޙައާއި ހަމަޖެހުމަށް ލޯބިކުރާ ޣައިރު މުސްލިމުންގެ އެތަށް ހާސްބަޔަކުވެސް ބައިވެރިވެފައި ވެއެވެ.

ސްވިޑްންގެ މިސްކިތްތަކަށް ދެމުންގެންދާ ހަމަލާތަކުގެ ފަހަތުގައިވަނީ މުސްލިމުންނަށާއި އިސްލާމް ދީނަށް ހަސަދަލައިގެންއުޅޭ ހައްދުފަހަނަޅާފައިވާ ނާސާރާ އިންނާއި ޔަހޫދީން ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް މިކަން ކުރާ ފަރާތްތައް ހޯދައި އެފަރާތްތައް ނުހުއްޓުވޭތީ ސްވިޑްންގެ ސަރުކާރަށްވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ސްވިޑްންގެ މިހާރުގެ ސަރުކާރަކީ ފަލަސްތީނުގެ މިނިވަންދައުލަތަށްވެސް އިޢުތިރާފްވި ހުޅަނގު ޔޫރަޕްގެ ފުރަތަމަ ގައުމެވެ. އެގައުމުގެ މުސްލިމުންގެ ތެރޭގައި ގިނައީ އަރަބި ދަރިކޮޅުގެ މީހުންނެވެ. ސްވިޑްންގެ މިސްކިތްތަކަށް ދޭ ޙަމަލާތަކުގެ ތެރޭގައި މިސްކިތްތަކުގެ ފާރުތަކުގައި މުސްލިމުންނަށް ބިރުދެއްކުމާއި ނަފްރަތުގެ އިބާރާތްތައް ލިޔުމާއި އޫރު ކަތިލުމަށްފަހު އޭގެ ބޯ މިސްކިތްތަކުގައި ބޭއްވުމާއި ބައެއް މިސްކިތްތަކުގައި ހުޅުޖެހުންފަދަ ހަރުކަށި އަމަލުތައް ހިމެނެއެވެ. މިދިޔަ އަހަރު ތެރޭގައި ސްވިޑްންގެ މިސްކިތްތަކަށް މިބާވަތުގެ 14 ހަމަލާ ދީފައިވެއެވެ. އަދި ހަފްތާއެއްގެ ތެރޭގައި ތިން މިސްކިތުގައި ހުޅުޖަހާފައިވާތީ ސަރުކާރާ އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ގެންދަނީ ކަންބޮޑުވާކަން ހާމަކުރަމުންނެވެ. (ރޮއިޓާސް)