04 Jan 2015, 09:46
ކޮލަންބޯ (ޖަނަވަރީ 4) : ސްރީލަންކާއަށް ކުރިމަތިވި ޓެރަރިޒަމްގެ ނުރައްކަލާއި ދާޚިލީ ހަނގުރާމައިން އެގައުމު ސަލާމަތްކުރީ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިމަހުގެ އަށެއް ވާ ބުރާސްފަތި ދުވަހު ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކޭންޕޭން އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރާޖަޕަކްސަ ވިދާޅުވީ، ޓެރަރިޒަމާއި ދާޚިލީ ހަނގުރާމައިން ގައުމު ސަލާމަތްކުރުމުގެ އިތުރުން ސްރީލަންކާގެ އިގްތިސާދު ހަމައަކަށް އަޅުވައި އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކެއް ފަށައި އޭގެތެރެއިން ބައެއް މަޝްރޫޢުތައް ތަންފީޒުކޮށް އިޖްތިމާއީ ތަރައްގީގައި އޭނާގެ ސަރުކާރު ބޮޑެތި ކާމިޔާބީ ތަކެއް ޙާސިލްކޮށްފައިވާ ކަމުގައެވެ. އައު ދައުރަކަށް އިންތިޚާބު ވެޑައިގެންފިނަމަ ޤައުމު ތަރައްގީގެ އިތުރު ހަރުފަތްތަކަކަށް ގެންގޮސްދެއްވާނެ ކަމަށްވެސް ރާޖަޕަކްސަ ވިދާޅުވި އެވެ.
އަނެއްކޮޅުން އިދިކޮޅު ކެންޑިޑޭޓް މައިތިރިޕަލަ ސިރިސޭނާ ވަނީ ރާޖަޕަކްސައަކީ ޚުދްމުޚްތާރު ވެރިއެއް ކަމަށް ސިފަކުރައްވާފައެވެ. ކެންޕޭން އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނާ ވިދާޅުވީ، ރާޖަޕަކްސަގެ ސަރުކާރަކީ ކޮރަޕްޝަނާއި ޚުދުމުޚްތާރު ވެރިކަމުގެ ސަރުކާރެއް ކަމަށާއި އެ ސަރުކާރު ބަދަލުކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމުގައެވެ. އަދި އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ތަރައްގީއާއި ޑިމޮކްރަސީގެ ފޮނި މޭވާ ރައްޔިތުންނަށް ލިބޭފަދަ ހެޔޮ ވެރިކަމެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން ސިރިސޭނާ ވަނީ ޤައުމުގެ އާބާދީގެ 75 އިންސައްތަ މީހުން އޭނާއަށް ތާއީދުކުރާ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ އެހީތެރިކަމާއެކު ކުރިޔަށް އޮތް ހައެއްކަ ދުވަހުގެ ތެރޭގައި އައު ސަރުކާރެއް ގާއިމް ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމުގައެވެ.

ލަންކާގެ އިންތިޚާބުގައި ވޯޓުލުން ކުޑަތަންވެފައިވާއިރު ރާޖަޕަކްސައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޕާޓީގެ އިސް މަސްއޫލުވެރިންނާއި ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓްގެ ބައެއް މެމްބަރުން އޭނާގެ ޕާޓީއާ ވަކިވެ އިދިކޮޅު ކެންޑިޑޭޓަށް ކޭންޕޭންކޮށްދޭން ފެށުމެވެ. ނަމަވެސް ރާޖަޕަކްސެ ވިދާޅުވެފައިވަނީ އިންތިޚާބު ކާމިޔާބުކުރެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށާއި ރައްޔިތުންގެ ތާއީދުބޮޑީ އޭނާއަށް ކަމުގައެވެ.
ރިޕޯޓްތައް ބުނާގޮތުން މެދުފަންތިއާއި ފަގީރުންގެ ތައީދު ރާޖަޕަކްސައަށް އޮތްއިރު ފުލުހުންނާއި ސިފައިންގެ އާއިލާތަކުގެ ތާއީދުވެސް ބޮޑީ ރާޖަޕަކްސައަށް ކަމުގައެވެ. ނަމަވެސް ސްރީލަންކާގެ ތައުލީމީ ޒުވާނުންނާއި ވިޔަފާރިވެރިން ދެކޭގޮތުގައި މުޅި ގައުމު އޮތީ ރާޖަޕަކްސައާއި އޭނާގެ އާއިލާގެ އަތްމަތީގައެވެ. އެހެންކަމުން ރާޖަޕަކްސަގެ ވެރިކަން ނިމުމަކަށް ގެނައުމަށް ވިޔަފާރިވެރިންގެ ގިނަ ބަޔަކުވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. (ރޮއިޓާސް)