04 Jan 2015, 09:43
"މަހަކު ތިން ހިއްލުން، ހިއްލުމެއްގައި ދިހަ ދުވަސް"، ދެން އޭނާ މަސައްކަތް ކުރާނީ ކޮން ދުވަހަކުންތޯ؟ ހަފްތާއަކު ދެ ދުވަހު ސަލާމް ބުނާނެ އެވެ. ދެން ބާކީ އޮންނަ ތިން ދުވަހު ގަޑިޖެހޭނެ އެވެ. ދެ މަހުން އެއް މަހު ޗުއްޓީ ބޭނުންވާނެ އެވެ. ކޮންމެ ރޯދަޔަކަށް، އީދަކަށް، ޗުއްޓީއަކަށް ރަށަށް ދާން ޖެހޭނެ އެވެ. މިއީ ދިވެހީންގެ ކަންނެތް ކަމަށް ބުނާ ވާހަކައެކެވެ. މި ވާހަކަ މިގޮތަށް ހުރިއިރު ދެން އޮތީ ވެސް މިފަދަ ވާހަކައެކެވެ. އާނއެކެވެ. ލިބޭ ފައިސާ ކޮޅުގެ ވާހަކައެވެ. ރާއްޖޭގެ އެއް ރުފިޔާ ބިދޭސީ ގައުމުތަކުގައި އެތައް ރުފިޔާއަކަށް ވެގެންގޮސް އެމީހުންނަށް ރާއްޖޭގެ ކުޑަ މުސާރަ ބޮޑުވިޔަސް ދިވެހިން އެ މުސާރައަށް އުޅޭނީ ކިހިނެއްތޯ އެވެ؟
ސަރުކާރުން އިއުލާނު ކޮށްފައި ވަނީ ހޮޓާ ރެސްޓޯރެންޓާއި ފިހާރަ ފަދަ ތަންތާންގައި އޭޕްރީލް މަހުން ފެށިގެން ސޭޓުންނަށް ތިބެން ޖެހޭނީ ދިވެހީން ކަމަށާއި ބިދޭސީން ތިބުމަކީ މަނާ ކަމެއް ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެ ދާއިރާ އިން 7000 ވަޒީފާ ދިވެހީންނަށް ދިނުމެވެ. މިއީ ބިދޭސީން އުޅޭ ވަޒީފާތައް ދިވެހީންނަށް ބަދަލުކުރުމުގެ ވިސްނުމުގެ ފެށުމެވެ. ސަރުކާރުގެ ވިސްނުމަކީ ދިވެހީންނަށް ވަޒީފާ ދިނުމެވެ. ދިވެހީންގެ ޝަކުވާއަކީ ލިބޭ މުސާރަކޮޅުގެ ސަބަބުން އަނގަޔާއި އަތާ ދިމާނުވުމުގެ ޝަކުވާ އެވެ.

ސަރުކާރުގެ ވިސްނުން އެގޮތަށް ހުރި ނަމަވެސް އުފެދޭ ސުވާލަކީ އެ ވަޒީފާތަކަށް ދިވެހީން ދާން ހިތްޕުޅާވާނެ ބާ އެވެ؟ ދިވެހިން އެ ވަޒީފާ ތަކަށް ލައިގެން ފިހާރަތަކާއި ރެސްޓޯރެންޓު ފަދަ ތަންތަން ހިންގޭނެ ބާ އެވެ؟ ރާއްޖޭގެ ހާލަތަށް ބަލާއިރު އާދައިގެ ވަޒީފާތައް އަދާކުރާނެ ފަރާތެއް ހޯދުމަކީ ދަތި އުނދަގޫ ކަމެކެވެ. ސަބަބުތައް ބައިވަރެވެ. ދިވެހީން ހިތްމޮޅީ އެވެ. އަނެއް މައްސަލައަކީ ފިހާރައެއްގައި އެތައް އިރަކު އިނދެ އެތައް ބުރަ ކަމެއްކޮށްގެން ލިބޭ މުސާރަ ކޮޅު ކުޑަވުމެވެ. ދިރިއުޅުމުގެ އަގުތައް އިންތިހާ ދަރަޖައަށް މަތިވެފައިވާއިރު އެ ލިބޭ ކުޑަ މުސާރައަށް އުޅޭނެ ގޮތެއް ނުވިސްނެ އެވެ.
"އަސްލު ފިހާރައެއް އިންނަން ވީމާ ޓައިމެއް ނުވޭ ރައްޓެހިންނާއެކު ކުޅެލަން ދާކަށް ވެސް، އަނެއްކާ މީހުން މަލާމާތް ކުރޭދޯ، ދެން އަނެއް ކޮޅުން މިހެން ބަންދުވެފައި އިންނައިރު ސެލެރީވެސް ކުޑަ. ކިހިނެއް އިންނާނީ މިތާ، ހާއްސަކޮށް އަބަދު މިކަހަލަ ޖޮބެއްގައި ނޫޅެވޭނެ،" އޮފީސް ކައިރީ ފިހާރައެއްގައި މަސައްކަތްކުރާ، އުމުރުން 18 އަހަރުގެ ސޭޓަކު ބުންޏެވެ.
ދިވެހީންގެ އިގްތިސާދުގެ ގިނަ ދާއިރާތަކަށް "ބިދޭސީ ބަލިމަޑުކަމެއް" އައިސްފައިވާ އިރު ތަފާސް ހިސާބުތައް ދައްކާ ގޮތުން ވަޒީފާއެއް ނެތި 38،493 އަށްވުރެ ގިނަ ދިވެހިން ރާއްޖޭގައި އެބަތިއްބެވެ. މޮޅު ވަޒީފާއަށް އެދި އެތައް ދިވެހިންނެއް ތިބިއިރު ކޮންސްޓްރަކްޝަން ދާއިރާގައި 34،260 ބިދޭސީން މަސައްކަތްކުރެ އެވެ. ޓޫރިޒަމް ދާއިރާގައި 13،488 ބިދޭސީއަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި 1103 ބިދޭސީއަކު މަސައްކަތް ކުރަމުންދާއިރު ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގައި 4595 ބިދޭސީއަކު ވަޒީފާ އަދާކުރަމުންދެ އެވެ. ތައުލީމީ ދާއިރާގައި 2114 ބިދޭސީން މަސައްކަތްކުރެ އެވެ. މާލީ ދާއިރާގައި 6860 ބިދޭސީއަކު އުޅޭ އިރު ކޮމިއުނިޓީ އަދި ސޯޝަލް އެކި ހިދުމަތްތަކުގައި 9949 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ ހުއްދަ ނަގައިގެން އުޅޭވަރެވެ. މި ދާއިރާތަކަށް ބަލާއިރު އެއީ މުސާރަ ކުޑަ ދާއިރާތައްކަން ފާހަގަވެ އެވެ. އެހެންކަމުން އެ ދާއިރާތަކަށް ދިވެހީން ގެންނަން ބޭނުންނަމަ މުސާރައަށް ބަދަލެއް ގެންނަންޖެހެ އެވެ. އާނއެކެވެ. މިނިމަމް ވޭޖެއް ކަނޑައަޅަންޖެހެ އެވެ.

ފޯނުކޮށްލާ ކޮށްލުމުން ފެށިގެން ގޮސް އެތައް ޓެކުހެއް ނަގަމުންދާއިރު އަދި އިންފުލޭޝަން ރޭޓް އަހުގެ ދުވެލީގައި މަތިވަމުންދާއިރު މުސާރަތައް ވަނީ ކަނހަބު ދުވެލީގަ އެވެ. ފިހާރަތަކުގެ ވަޒީފާއަށް މިސާލަކަށް ބަލަމާތޯ އެވެ. ގިނައިން މުސާރަ އުޅެނީ 3،000 ރުފިޔާ އިން ނެވެ. ހަރަދުތަކަށް ބަލާއިރު މިއީ ދެކޮޅު ޖެއްސޭވަރު ކަމެއް ނޫނެވެ. މިކަމުގެ އަނެއްކޮޅުވެސް އެބައޮތެވެ. މިސާލަކަށް ފިހާރަތައް ބަލަމާތޯ އެވެ. އެ ފިހާރަތަކުގެ 'ސޭލްސް'އަށް ބަލާއިރު ބޮޑެތި މުސާރަތައް ދެވުމަކީ ވެސް ވާންއޮތްކަމެއް ނޫނެވެ. ލިބެނީ ކުޑަ ސޭލްސް އެކެވެ. ފިހާރައިގެ ކުއްޔާއި ދައްކަން ޖެހޭ ބިލްތައް އެހާބޮޑެވެ. މިދެ ކަންތައް ދެކޮޅު ޖައްސަން ޖެހެ އެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންތަކާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، އެމަނިކުފާނު ދިވެހީންނަށް ދޭން ބޭނުންވާ ނަސޭހަތަކީ މިނިމަމް ވޭޖެއް ނެތަސް "ރަނގަޅަށް ބަސް އަހައިގެން މަސައްކަތްކުރާށޭ" ކަމަށާއި މިނިމަމް ވޭޖަށް ވުރެ ކުރިން ޝައުގުވެރިކަމާ އެކު މަސައްކަތްތަކަށް ފަރުވާތެރިވުމަށް ދިވެހީންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މުސާރައިގެ ކަންތައްތަކުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ކުރަންވީ ކަމަކީ މިކަން ބަލައިގަންނަންވީ. މިހެން ބަދަލުތަކެއް އަންނައިރު ބައިވަރު ކަންތައްތަކެއް އަންނާނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ދިވެހީން ވަޒީފާތަކަށް ނުދަނީ ހަމައެކަނި މުސާރަ ކުޑަވުމަކުން ނޫނެވެ. ދިވެހީން ވަޒީފާއަށް ކަންނެތްކަމާއި ޝައުގެއް ނެތި މަސައްކަތް ކުރާކަމީ ގައުމީ މައްސަލައެކެވެ. ކޫސަނި ކަންތައް އެތައް ގުނައެވެ. ކުރާ މަސައްކަތަކީ ޝައުގުވެރިކަމެއް ހުރެގެން އުފަލާއެކު ކުރާކަމަކަށް މެޖޯރިޓީ މީހުން ނުހަދައެވެ. ގިނަ މީހުން ވަޒީފާ އަދާ ކުރަމުންދަނީ ހަމައެކަނި ނަގުދު ފައިސާ އަށެވެ. ގައުމީ ހިދުމަތަކަށް ނުވިސްނައެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެ، ހިދުމަތް ދިނުމުގައި ފޫނުބެދޭ ފެންވަރުގެ ކަންތައްތަކެއް ހިނގަން މެދުވެރިވާ ސަބަބަކަށް މިކަން ވެގެންވެ އެވެ. މިފަދަ ކަންކަން އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން ގޮސް ބޮޑެތި ވިޔަފާރިތަކަށް ވެސް ވަނީ ތަޖުރިބާ ކުރަންޖެހިފަ އެވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި މަސައްކަތް ކުރާ ދިވެހީން ވަޒީފާ އިން ވަކިކޮށް، ބިދޭސީންނަށް ވަޒީފާދޭ ކަމަށް ދެކެވުނު ވާހަކަތަކަށް ރައްދުދެއްވައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ، ޒުވާން ދިވެހި ކުދިން ވަޒީފާއަށް ފަރުވާ ކުޑަކަމަށާއި އެއާޕޯޓަކީ ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުންނަ ތަނެއް ކަމަށްވުމުން ގިނަ މުވައްޒަފުންތަކެއް ސަލާމުގައި ތިބުމުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެދުވަހު ވެސް އެއާޕޯޓުސް ކޮމްޕެނީގެ 527 މުވައްޒަފުން ޗުއްޓީގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަލަށް މި އަންނަ ޒުވާން ޖީލުގެ މުވައްޒަފުންނަށް މަސައްކަތުގެ ގާނޫނަށް ރަނގަޅަށް އަހުލުވެރި ނުވަނީ، ވަރަށް ސާދާކޮށް ކަންތައްތައް ނެގެނީ، އޭގެ ތެރޭގައި ސަލާމާއި ޗުއްޓީތަކާއި އިމްތިހާނެއް ދީފިއްޔާ، ގިނަ ބޭފުޅުން ފާހެއް ވެސް ނުވާނެ،" ބަންދު އިބްރާހީމް ސަލީމް ވިދާޅުވި އެވެ.

މިބުނާތަން އެއޮތީ އައިސްފަ އެވެ. އެންމެ ދުވަހެއްގެތެރޭގައި 527 މުވައްޒަފުން ސަލާމުގައި ތިބުމުން ކުންފުނި ހިންގަނީ ކިހިނެއްތޯ އެވެ؟ ޗުއްޓީގައި ތިބި ފަރާތްތަކުން މަސައްކަތް ކުރާ ޑިޕާޓްމަންޓު ތަކުން ހިދުމަތް ނުދީތޯ އެވެ؟ ނޫނީ އެ ހިދުމަތް ދިނުމުގެ ބޭނުމުގައި ބިދޭސީ މުވައްޒަފަކު ހޯދާނީތޯ އެވެ. ބިދޭސީން އެއީ ހައްލެއް ނޫނެވެ. ދިވެހިންނަކީ މިހާރަށްވުރެ މަސައްކަތައް ފަރުވާތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަންޖެހެ އެވެ. ސަލާމާއި ޗުއްޓީ އާއި ދުރުކުރަން ޖެހެ އެވެ.
"ހަޑި މަސައްކަތަކަސް ދިވެހިން ކުރާނެ ލާރި ލިބެންޏާ. އެއާޕޯޓުގައި މޮޕްއަޅާ ސާފުކުރަން އެބައުޅޭ 19 އަހަރުގެ ޒުވާނުން. އެތަނުގައި ދަބަސް އުފުލަން ވެސް އެބައުޅޭ، ގާޑިޔާ ދަމަން ވެސް އެބަ އުޅޭ. އެމީހުންނަށް އެބަލިބޭ 11000 އެއްހާ ރުފިޔާ. އެހެންވެ ލާރި ލިބެންޏާ ހަޑި މަސައްކަތަކަސް ކުރާނެ،" އައިއެންއައިއޭގައި މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ.
ދިވެހީންނަށް ވަޒީފާ ދިނުމާ ގުޅޭ ގޮތުން ރައީސްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ، ތަފާތު ދާއިރާތަކުން ވަޒީފާގެ ފުރުސަތު ހުޅުވާލަނީ ބިދޭސީންނަށް ވަޒީފާގެ ފުރުސަތު ދޭން ނޫން ކަމަށާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ކަމަށެވެ. އަދި ވަޒީފާ ލިބޭ ކޮންމެ ދިވެއްސަކީ ވަޒީފާއަށް ނުކުންނަން ކެރޭ ހީވާގި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
"ކިތަންމެ މޮޅަށް މަސައްކަތް ކުރަން އެގުނަސް މަސައްކަތުގެ އަހުލާގެއް ހިފަހައްޓަން ޖެހޭ. އޭގެ މާނައަކީ މަސައްކަތަށް ނުކުންނަށް ކެރެންވާނެ، ސަލާން ބުނެގެނެއް ނުވާނެ، ބަލިވެއްޖެޔާ ޕެނެޑޯލާއި ޕެރެސެޓެމޯލާ އެހެން އެއްޗެހިވެސް ހުންނާނެ، ޖީބުގައި ގެންގުޅެން ޖެހޭ އެއްޗެހި އެއީ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުން އެގޮތަށް ހުރި ނަމަވެސް ގަބޫލް ކުރަންޖެހޭ ހަގީގަތަކީ ކަންކަން ވާނީ ދެކޮޅު ޖައްސައިގެން ކަމެވެ. ހަމައެކަނި ބިދޭސީންނަށް ނުތިބެވޭނެ ކަން އަންގައިގެން ވާކަށްނެތެވެ. ދިވެހިންނަށް އެދެވޭ މުސާރައެއް ދެވޭނެ ގޮތްތައް ހަމަޖައްސަންޖެހެ އެވެ. ހަމައެއާ އެކު ތަންކޮޅެއް ކެރޭ، ހީވާގި ބަޔަކަށް ދިވެހިން ވާންޖެހެ އެވެ. އެހެން ނޫންނަމަ ގޮތް ނިންމިޔަސް ތަންފީޒެއް ނުވާނެ އެވެ.