03 Jan 2015, 22:26
ޖަޕާނުގެ ކުއްޖަކު އިންޑިއާގައި ވަގަށް ނަގައިގެން އެތައް ފަހަރެއްގެ މަތިން ރޭޕްކުރި ކަމުގެ ތުހުމަތުގައި ދެބެއިން ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ކަލްކަތާގެ ފުލުހުން ބުނީ، ޖަޕާނު ކުއްޖަކު ވަގަށް ނަގާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ. އޭނާ ހައްޔަރުކޮށްގެން ޖިންސީ އަނިޔާ ކުރަމުންދަނިކޮށް، އެ ކުއްޖާ ވަނީ އަމިއްލައަށް ސަލާމަތްވެފަ އެވެ. ދެ މަސް ވަންދެން އޭނާ ހައްޔަރުކޮށްފައި ހުރީ އިންޑިއާގެ އަޅުކަމުގެ ކިއްލާއެއް ކަމަށްވާ ބޮދް ގަޔާ ކައިރީގައި ހުންނަ އަވަށެއްގައި ކަމަށެވެ.
އަމިއްލައަށް ސަލާމަތްވެގެން އޭނާ ވަނީ ޖަޕާނުގެ ފަތުރުވެރިންތަކެއްގެ އެހީގައި ކަލްކަތާގައި ހުންނަ ޖަޕާނުގެ ކޮންސިއުލޭޓަށް އެ މައްސަލަ ހުށަހަޅާފަ އެވެ.
ކަލްކަތާ ޕޮލިސް ކޮމިޝަނަރު ޕަލާވް ކާންތި ގޯޝް ބީބީސީ ހިންދީއަށް ވިދާޅުވެފައި ވަނީ، ހައްޔަރުކުރި ދެ މީހުންނަކީ ދެބެއިން ކަމަށެވެ. އަދި އިންޑިއާގައި އުޅޭ ފަތުރުވެރިންނަށް ފާރަލައި އެ މީހުންގެ ފަރާތުން ނާޖާއިޒް ފައިދާ ހޯދުމަށް މަސައްކަތް ކުރާ ގޭންގެއް ހަރަކާތްތެރި ވަމުންދާ ކަމަށް އިންޑިއާ ފުލުހުން ބުންޏެވެ.
"އެ ދެބެއިންގެ ތެރެއިން އެކަކީ ޖަޕާނު ބަހުން ވަރަށް ފަރިތަކޮށް ވާހަކަ ދައްކާ މީހެއް. އެ މީހުން ބުނެފައި ވަނީ އެ މީހުންނަކީ ގައިޑުން ކަމަށާއި އެ ކުއްޖާއަށް އިންޑިއާގެ ތަންތަން ދައްކާލަން ބޭނުންވާ ކަމަށް. އޭގެ ފަހުން ވެސްޓް ބެންގަލް ކައިރީގައި އޮންނަ ބީޗު ރިސޯޓަކަށް އޭނާ ގެންދިޔަ،" ޕޮލިސް ކޮމިޝަނަރު ޕަލާވް ކާންތި ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ، އެ އަންހެން ކުއްޖާއާއެކު ގަދަކަމުން ޖިންސީ އަމަލު ހިންގުމަށްފަހު އޭނާގެ ކާޑުން 76000 ރުޕީސް ބޭނުންކޮށްފައިވާ ކަމަށެވެ.