03 Jan 2015, 20:15
މާރާމާރީ އާއި މަސްތުވާ ތަކެތި ފަދަ ބޮޑެތި ކުށްތަކުގެ ޝިކާރައަށް ޒުވާނުން ވުމަކީ ގައުމުގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
ފުރާވަރު އުމުރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކ. އަތޮޅު ކާށިދޫގައި މިއަދު ފެށި "ބްލޫސް ފޮ ޔޫތު" ކޭމްޕު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ވިދާޅުވީ ޒުވާނުން ބޮޑެތި ކުށުގެ ޝިކާރައަށް ވުމުން ގައުމަށް ނުރައްކާތެރިވާއިރު އެފަދަ ކަންތައްތަކަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.
"މަސްތުވާތަކެތީގެ މައްސަލައިގަ އާއި މާރާމާރީގެ މައްސަލަ އަދި އެނޫނަސް ނުރައްކާތެރި އަދަބު ބޮޑެތި ކުށުގެ ޝިކާރައަކަށް ޒުވާނުން ވުމަކީ ވަރަށް ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް. އެފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ނުރައްކާތެރި ވާނެ ކަން ޔަގީން،" އޭނާ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ބޭއްވުމުގެ ބޭނުމަކީ، ޒުވާނުން ކުށް ކުރުމާ ދުރުކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ކަމަށެވެ.
ދުޅަހެޔޮ މުޖުތަމައެއް އުފެއްދުމުގެ މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކާށިދޫގައި މިއަދު ފެށި އެ ޕްރޮގްރާމްގައި ޖުމްލަ 36 ކުދިން ބައިވެރި ވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 13 އަންހެން ކުދިންނާއި 23 ފިރިހެން ކުދިންނެވެ.
ހަ ދުވަހަށް ކާށިދޫގައި ކުރިއަށްދާ ބްލޫސް ފޮ ޔޫތު ކޭމްޕުގައި ދިރިއުޅުމުގެ އުޅުމުގެ ރިވެތި އަދަބުތައް ދަސްކޮށްދޭނެއެވެ. އޭގެއިތުރުން، ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމާއި ގައުމީއްޔަތު އާލާ ކުރުމަށް ޕްރޮގްރާމްތަކެއް އެ ކޭމްޕުގައި ބާއްވާނެއެވެ.
ކާށިދޫ ސްކޫލުގައި ފެށި އެ ކޭމްޕަކީ އެރަށުގައި ބާއްވާ އޭގެ ފުރަތަމަ ކޭމްޕަށް ވާއިރު އެއަކީ ފުލުހުން ބާއްވަމުން އަންނަ 10 ވަނަ ބްލޫސް ފޮ ޔޫތު ކޭމްޕެވެ. އޭގެ ކޭމްޕެއް އެންމެ ފަހުން ބާއްވާފައިވަނީ ފުވައްމުލަކުގައެވެ.