03 Jan 2015, 19:28
ނައިޖީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ބޮކޯ ހަރާމް އަތުން ނައިޖީރިއާގެ އިރު އުތުރުގައި އޮންނަ ސަރަހައްދަކުން 40 ކުޑަކުދިންނާއި ފިރިހެނުން ވަގަށް ނަގައިފި އެވެ.
ނައިޖީރިއާގެ މަލާރީ ވިލޭޖުގައި ބޮކޯ ހަރާމުން ހިންގި ރެެއިޑުން ސަލާމަތްވެގެން ބޯނޯ ސްޓޭޓްގެ ވެރިރަށް މައިޑުގުރިއަށް އައި ބައެއް މީހުން ބުނެފައި ވަނީ އެ މީހުން ވަގަށް ނަގާފައި ވަނީ ޖެނުއަރީ އެއް ވަނަ ދުވަހު ކަމަށެވެ.
މަލާރީ މީހުން ބުނި ގޮތުގައި، ބޮކޯ ހަރާމުގެ ހަނގުރާމަވެރިން ލޮރީތަކުގައި އައިސް ހުރިހާ ފިރިހެނުންނަށް ގެތަކުން ނުކުންނަން އެންގި އެވެ. އަދި އެ މީހުން ދިން ހުތުބާއެއް އަޑު އިއްވުމަށްފަހު އެ އެންމެން ގޮވައިގެން ކައިރީގައި އޮތް ޖަންގަލިތެރެއަށް ދިޔަ ކަމަށް އެ މީހުން ބުންޏެވެ.
ނައިޖީރިއާގެ ބޯޑިން ސްކޫލަކުން މިދިޔަ އަހަރު 200 އަންހެން ދަރިވަރުން ވަގަށް ނެގުމުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ބޮކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ މިދިޔަ މަހު ގަމްސޫރީ ވިލޭޖުން 33 މީހުން މަރާލާއި 200 އަށްވުރެ ގިނަ މީހުން ވަގަށް ނަގާފަ އެވެ.
ނައިޖީރިއާގެ އިރު އުތުރުގައި ބޮކޯހަރާމް އިން ހިންގި ހަމަނުޖެހުންތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 2014 ވަނަ އަހަރު ވަނީ ގާތްގަނޑަކަށް 2،000 އަށް އަރާފަ އެވެ.