06 Apr 2010, 15:16
19:00
ލ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ބުނާ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ އަމުރު ބާތިލްކޮށް އަލުން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މި އަމުރު ނެރުއްވަމުން ފަނޑިޔާރު ވިދާޅުވީ، ލ. ގަން، މަތިމަރަދޫ، މަންދަގޭ ހަސަން ޔޫސުފް، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމަށް ޖިނާއީ ކޯޓުން އަމުރު ނެރެފައި ވަނީ ގާނޫނު އަސާސީގެ ސާޅީސް ނުވަ ވަނަ މާއްދާއަށާއި ބަންދުގެ މުއްދަތު އިތުރުކުރުމުގެ ގަވާއިދަށާއި، މި މައްސަލައިގައި ހުށަހަޅާފައި ހުރި ލިޔުންތަކަށް ފުރިހަމައަށް ރިއާޔަތްނުކޮށް ކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ މީހަކީ، ބަންދުން ދޫކޮށްލައިފި ނަމަ ފިލާފާނެ ކަމަށް ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވޭ މީހެއްނަމަ ބަންދުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް، ގަވާއިދުގައި ބުނާއިރު، ޔޫސުފް ހައްޔަރުކޮށްފައި ވަނީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ގަމުގެ ތުނޑީ ސަރަހައްދުން ކަމަށް ފުލުހުން އެ މައްސަލައިގައި ދީފައިވާ ބަޔާންތަކުގައި ބުނެފައިވުމާއި، ސައިކަލެއްގައި ޔޫސުފް އެ ސަރަހައްދުގައި ދުއްވަނިކޮށް ފުލުހުންނަށް ފެނުމުން ސައިކަލު ދޫކޮށްލާފައި ދުއްވައިގަތް ކަމަށާއި ޖީބުގައި އޮތް ސިނގިރޭޓު ފޮއްޓެއް އެއްލާލި ތަން ފެނުނު ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވާތީ، އޭނާ ދޫކޮށްލައިފިނަމަ ކޯޓަށް ހާޒިރުނުވުމާއި ފިލައިފާނެކަމުގެ ގަރީނާ ލިބޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޔޫސުފަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވައްކަމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުން، އޭނާއަކީ ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައުއަށް ނުރައްކަލެއް ކަމަށް ބެލެވިދާނެ ފަދަ ހާލަތެއްގައި ހުރި މީހެއް ކަމަށް ބެލެވިދާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ފަނަރަ ވަނަ ދުވަހު ހަސަން ޔޫސުފް އަތުލައިގަތުމަށްފަހު ފުލުހުން ބުނެފައި ވަނީ އޭނާ އަކީ ލ. އަތޮޅުގައި ހިންގާ ޑްރަގް ވިޔަފާރީގެ ފަންސާސް ޕަސެންޓަށްވުރެ ބޮޑު ބައެއް ކޮންޓްރޯލްކޮށް ހިއްސާކުރާ އެންމެ އިސް ފަރާތް ކަމަށެވެ.