03 Jan 2015, 16:30
މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް) ގެ ދައުވަތު ރަސްމީކޮށް ބޭރުގެ އެއްވެސް ޓީމަކުން އަދި ގަބޫލުކޮށްފައި ނުވާކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން ބައްސާމް މިއަދު ވިދާޅުވީ އެ މުބާރާތައް ދައުވަތު ދެވިފައިވާ ގިނަ ޓީމުތައް އެ މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވީނަމަވެސް، އަދި އެއްވެސް ކްލަބަކުން ރަސްމީކޮށް ދައުވަތު ގަބޫލު ކުރިކަމުގެ ލިޔުމެއް އެފްއޭއެމްއަށް ފޮނުވާފައި ނުވާކަމަށެވެ.
"އަޅުގަނޑުމެން ދައުވަތު ދިން އެއްވެސް ޓީމެއްގެ ފަރާތުން ޕޮމިސް ކަޕްގައި ބައިވެރި ވާނެ ކަމުގެ ޔަގީންކަން އަދި ލިބިފައެއް ނުވޭ. އެ މުބާރާތުގައި ބައިވެރި ވާކަން އަންގާ ބައިވެރިވާން އެދޭ ކްލަބުން އެފްއޭއެމަށް ރަސްމީ ލިޔުމެއް ފޮނުވަން ޖެހޭނެ. އެއްވެސް ކަލްބެއްގެ ފަރާތުން އެފްއޭއެމަށް އަދި އެފަދަ ލިޔުމެއް ފޮނުވާފައެއް ނުވޭ. ނަމަވެސް އަޅުގަނޑުމެން މި އުންމީދު ކުރަނީ އަންނަ އާދިއްތަ ދުވަހާ ހަމައަށް އެ މުބާރާތުގައި ބައިވެރި ވާނީ ބޭރުގެ ކޮން ދެ ޓީމެއްކަން ޔަގީންކަމާއެކު އިނގޭނެ ކަމަށް،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބް ޕީޑީއާރްއެމްވެސް އަދި އެފަދަ ލިޔުމެއް އެފްއޭއެމަށް ފޮނުވާފައި ނުވާކަމަށާއި، ނަމަވެސް އެ ކްލަބް ޕޮމިސް ކަޕްގައި ބައިވެރި ވާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
"ޕީޑީއާރްއެމް އިންވެސް ޕޮމިސް ކަޕްގައި ބައިވެރި ވާނެ ކަމުގެ ރަސްމީ ލިޔުމެއް އަދި މިކޮޅަށް ފޮނުވާފައެއް ނުވޭ. ނަމަވެސް ދަގަނޑޭގެ ފޭސްބުކް ޕޭޖުގައި އޭނާ ޕޯސްޓުކުރި މެސެޖުން އެ ކްލަބް ޕޮމިސް ކަޕްގައި ބައިވެރިވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު. އެ ކްލްބް ޕޮމިސް ކަޕްގައި ބައިވެރި ވުމަކީ އަޅުގަނޑުމެން ހަމަ ވަރަށް އެދޭ ކަމެއް،" ބައްސާމް ވިދާޅުވިއެވެ.
މީގެ ކުރިން އެފްއޭއެމުން ނޫސްވެރިންނާ ހިއްސާކުރި 2015 ވަނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި ޖެނުއަރީ 31 ވަނަ ދުވަހު ޕޮމިސް ކަޕް ފަށަން ތާވަލްކުރެވިފައި ވާއިރު، ބައްސާމް ވިދާޅުވީ މިހާރު އެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖެނުއަރީ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށެވެ.
ރާއްޖޭގެ އެންމެ ގަދަ ހަތަރު ކްލަބާއި ބޭރުން އެ މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދެވޭ ދެ ކްލަބް ވާދަކުރާ ޕޮމިސް ކަޕް ރާއްޖޭގައި އެންމެ ފަހުން ބާއްވާފައި ވަނީ 2003 ވަނަ އަހަރު އެވެ. 11 އަހަރަށް ފަހު އަނެއްކާވެސް މިއަހަރު އެ މުބާރާތް ބާއްވަން އެފްއޭއެމުން ނިންމާފައި ވާއިރު، އެ މުބާރާތުގައި ބައިވެރިވުމަށް ބަހުރެއިނާއި ކުވައިތު އަދި ސިންގަޕޫރުގެ ޓީމްތަކަށްވެސް އެފްއޭއެމުން ވަނީ ދައުވަތު ދީފައެވެ.