އައްޑޫ ސިޓީގެ ހިތަދޫ "ބަލީނޯ" ފިހާރައިގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާ ލައިފިއެވެ.

ހިތަދޫގައި ކުރިން ބޭންކު ހުރި އިމާރާތުގައި ހަދާފައިވާ އެ ފިހާރަ ހިންގުމާ ހަވާލުވެ ހުރި އިބްރާހިމް ހިލްމީ 'ސަން' އަށް މިއަދު ބުނީ، ފިހާރައިގައި ރޯކޮށްލާފައި ވަނީ ރޭ މެންދަމު 3:30 ހާއިރު ކަމަށާއި، ފިހާރައިގެ ހުރިހާ ސާމާނު ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވާކަމަށެވެ. އެފިހާރާގައި ވިއްކާ ސާމާނު ތަކުގެ ތެރޭގައި، ކުޑަކުދިންގެ ކުޅޭ ސާމާނާއި، ހެދުން، އަދި ރީތިވުމަށް ބޭނުންކުރާ ސާމާނުވެސް ހިމެނެ އެވެ.

"ފިހާރައިގައި ހުރި، އޭސީ، ޓީވީ އަދި ސެކިއުރީ ކެމެރާތަށްވެސް ހުރީ ވިރިފަ،" ހިލްމީ ބުންޏެވެ.

އޭނާ ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަދަދު 2.6 މިލިއަނަށް އަރާކަމަށެވެ. އެ ފިހާރައަކީ 2010 ވަނަ އަހަރުން ފެށިގެން އިންޝުއަރެންސް ކޮށްފައިވާ ފިހާރައެއް ކަމަށް ހިލްމީ ބުންޏެވެ.

ހިލްމީ ބުނީ ފިހާރަ އަންދާލީ ކީއްވެކަން ބުނަން ނޭންގޭ ކަމަށާއި، އެއްވެސް މީހަކަ އެއްވެސް މައްސަލައެއް ޖެހި ފައިނުވާނެ ކަމަށެވެ. އަދި ފިހާރަ އަންދާލާނެ ކަމުގެ އެއްވެސް ކަހަލަ އިންޒާރެއްވެސް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ. މަންޒަރު ދުއް މީހުންނާ ހަވާލާ ދީ ހިލްމީ ބުނީ، އެވަގުތު އެހިސާބުގައި ކުދި ބަޔަކު އުޅެނިކޮށް ފެނިފައިވާ ކަމަށާއި، އެކަމަކު އެމީހުންނަށްވެސް އެއީ ކޮންބައެއް ކަން ވަކި ކުރަން އެނގިފައިނުވާ ކަމަށެވެ.

"ގަބޫލެއްވެސް ނުކުރެވޭ ބަޔަކު ރޯކޮށްލާނެ ކަމަކަށް، އަޅުގަނޑުމެންނަކީ އެއްވެސް އިރަކު އެއްވެސް ބަޔަކާ މައްސަލަ ޖެހިގެން އުޅުނު ބައެއް ނޫން" ހިލްމީ ބުންޏެވެ.

އަކަފޫޓުގައި 2600 ހުންނަ ބަލީނޯ ފިހާރައަކީ ރަގަޅު އާމްދަނީއެެއް ލިބޭ ފިހާރައެއް ކަމަށް ހިލްމީ ބުންޏެވެ. ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާއި، ފުލުހުން ގުޅިގެންނެވެ. އަދި އަލިފާންގަނޑު ނިއްވާލުމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިފައި ވާކަމައްވެސް ހިލްމީ ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.