03 Jan 2015, 15:47
ދުނިޔޭގެ އެންމެ ބޮޑު ހިލޭ ސާބަހަށް މަސައްކަތްކުރާ އިސްލާމީ އަމިއްލަ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ، މުސްލިމް ވޯލްޑް ލީގުގެ ޑެޕިއުޓީ ސެކްރިޓަރީ ޖެނެރަލް ޑރ. އާދިލް ބިން އަލީ މިއަދު މާލެ ވަޑައިގެންފި އެވެ.
ޑރ. އާދިލް ރާއްޖެ ވަޑައިގަތްފައި މިވަނީ މުސްލިމް ވޯލްޑް ލީގު އިސްވެރިއަަކު ރާއްޖެ ވަޑައިނުގަންނަވާތާ 30 އަހަރު ފަހުން ނެވެ.
ރާއްޖެއަށް ވަޑައިގަތުމުން ޑރ. އާދިލް އަށް މަރުހަބާ ދެންނެވުމަށްފަހު މީޑިއާއާ ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޑރ. އާދިލްގެ މިދަތުރުފުޅަކީ ރާއްޖެއާ މުސްލިމް ވޯލްޑް ލީގުގެ ގުޅުން ވަރުގަދަކޮށް، މުސްލިމް ވޯލްޑް ލީގު މަސައްކަތްތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރުމުގެ ބޭނުމުގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ރާބިތާގެ ދަށުން 12 ވަރަކަށް މުއައްސަސާ އުފެދިފައިވޭ. އޭގެތެރެއިން އިންސާނީ މަސައްކަތްތަކާއި ދީނީ މަސައްކަތްތަކާއި އިލްމީ މަސައްކަތްތަކާއި އިގްތިސާދީ މަސައްކަތްތަކާއި އެ ހުރިހާ ކަމެއް ހިމެނޭ. އަދި ހަމައެއާއެކު ކީރިތި ގުރުއާނަށް ހިދުމަތް ކުރުން ވެސް ހިމެނޭ،" ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމީ ދުނިޔެ ގުޅުވައިދޭ ފާލަމަކަށް މުސްލިމް ވޯލްޑް ލީގު ވުމަކީ އެ މިނިސްޓްރީގެ އެދުމެއް ކަމަށާއި އެކަން ކުރެވޭނީ ރާއްޖޭގައި މުސްލިމް ވޯލްޑް ލީގު މަސައްކަތްތައް ކުރިއަށް ގެންގޮސް ފުޅާ ކޮށްގެން ކަމަށެވެ.
އެގޮތުން، ހުޅުމާލޭގައި އިސްލާމިކް މިނިސްޓްރީ އަށް ލިބިފައިވާ ބިމެއްގައި ރާބިތާއަށް ޚާއްސަ އޮފީހެއް ގާއިމްކުރެވިގެން ދާނެ ކަމަށާއި ރާބިތާގެ ދާއިމީ އޮފީސް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޑރ. އާދިލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާދަމާގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމާ ބައްދަލުކުރައްވާނެއެވެ. އަދި ޝެއިހްގެ ޚާއްސަ ދަރުސެއް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޑރ. އާދިލް ބިން އަލީ ބިން އަހުމަދު އައްސިއްދި ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޝަހީމް ގެންގުޅުއްވާ މެދުމިނުގެ ފިކުރާއި މިނިސްޓަރު ޝަހީމްގެ ސިޔާސަތައް ރާބިތާއިން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ.