މުޅިއަކު 28 އަހަރު ލިވަޕޫލްގައި ހޭދަކުރި އެ ޓީމްގެ ކެޕްޓަން ސްޓީވަން ޖެރާޑް ކްލަބް ދޫކޮށްލަން ނިންމި ނިންމުމަކީ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު "ޝޮކެއް" ކަމަށް އެ ޓީމްގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ބުނެފި އެވެ.

ހެންޑަސަން ބުނީ ޖެރާޑްގެ ކޮންޓްރެކްޓު ކްލަބުން އާ ކުރާނެ ކަމާމެދު ވޭތުވެދިޔަ ދުވަސްތަކުގައި ނޫސްތަކުގައި ސުވާލު އުފައްދާފައި ވީނަމަވެސް، އޭނާގެ ކޮންޓްރެކްޓު އާ ކުރާނެ ކަމަށް އެންމެންވެސް ގަބޫލުކުރި ކަމަށެވެ. ނަމަވެސް ޖެރާޑް ކްލަބް ދޫކޮށްލަން ނިންމި ނިންމުމަކީ އެންމެނަށްވެސް ލިބުނު ވަރަށް ބޮޑު ސިހުމެއް ކަމަށް އޭނާ ބުންޏެވެ.

"ނޫސްތަކުގައި ޖެރާޑުގެ ކޮންޓްރެކްޓާ މެދު ސުވާލުތަކެއް އުފައްދާފައި ވިނަމަވެސް، އެންމެންވެސް ހީކުރީ އޭނާގެ ކޮންޓްރެކްޓް ކްލަބުން އާ ކުރާނެ ކަމަށް. އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް އެކަކުވެސް ހިއެއް ނުކުރޭ. އެއީ ކްލަބްގެ ހުރިހާ އެންމެނަށްވެސް ލިބުނު ވަރަށް ބޮޑު ސިހުމެއް. ދަނޑުމަތީގައާ ދަނޑުން ބޭރުގައި ޖެރާޑް ކްލަބަށް ކޮށްދިން ހިދުމަތްތައް އެންމެންވެސް މިސް ވާނެ. މި ވަގުތަކީ ކްލަބަށް ވަރަށް ދަތި ވަގުތެއް. އެއީ ޖެރާޑަކީ މިހާރުވެސް، އަދި މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެންވެސް މި ކްލަބް ލީޑު ކުރި ކުޅުންތެރިއާ،" ހެންޑަސަން ބުންޏެވެ.

ލިވަޕޫލަށް 695 މެޗުގައި 180 ލަނޑު ކާމިޔާބު ކޮށްދިން ޖެރާޑް މި ސީޒަނަށްފަހު ކްލަބް ދޫކޮށްލަން ނިންމާފައި ވާއިރު، ލިވަޕޫލްގެ ކުރީގެ ސްޓްރައިކަރު ޖޯން އެލްޑްރިޖް ބުނީ ޖެރާޑް ފަދަ ކުޅުންތެރިއަކު ދެން އެ ކްލަބަށް ނުހޯދޭނެ ކަމަށެވެ. އަދި ޖެރާޑް ކްލަބް ދޫކޮށްލާނެ ދުވަހަށް އޭނާ އިންތިޒާރުކުރީ ވަރަށް ބިރުންހުރެ ކަމަށްވެސް އެލްޑްރިޖް ބުންޏެވެ.

"މިއީ ވަރަށް ކުރީއްސުރެ ވަރަށް ބިރުން ހުރެ އަހަރެން އިންތިޒާރުކުރި ދުވަހެއް. ޖެރާޑް ލިވާޕޫލް ދޫކޮށްލުމުން އެނާގެ މަގާމް ފުރައިދެވޭނެ ފަދަ ކުޅުންތެރިއެއް ދެން ލިވަޕޫލަކަށް ނުލިބޭނެ. އޭނާގެ ހިދުމަތް ކްލަބަށް ކޮށްދިނީ ހަމައެކަނި ދަނޑު މަތީގައެއް ނޫން. މެޗެއް ކުޅެން ތައްޔާރު ވާއިރު ޑްރެސިންގް ރޫމްގައި އެހެން ކުޅުންތެރިން މޯޓިވޭޓް ކުރުމުގެ އެންމެ އިސް ރޯލެއް އަދާކުރާނީ އޭނަ،" އެލްޑްރިޖް ބުންޏެވެ.

ޖެރާޑްގެ އުމުރުން 22 އަހަރުގައި ލިވްޕޫލްގެ ކެޕްޓަންކަން އޭނާއާ ހަވާލުކުރި އެ ޓީމްގެ ކުރީގެ ކޯޗް ޖެރާޑް އޫލިޔޭ ޖެރާޑަށް ތައުރީފު ކުރަމުން ބުނީ އޭނާއަކީ ލިވަޕޫލްގެ މެނޭޖަރުކަން ކުރުމުގެ ފެންވަރުވެސް ހުރި ކުޅުންތެރިއެއް ކަމަށެވެ.

"ޖެރާޑް އަނބުރާ ލިވަޕޫލަށް އަންނާނެކަން ނުވަތަ ނާންނާނެކަން އިނގޭނީ ފަހުން. ބްރޭކެއް ނެގުމަށްފަހު ޓްރެއިނިންގެ ހާސިލްކޮށްގެން އޭނާ ޓީމްގެ ކޯޗަކަށްވެސް އެނބުރި އައިސްފާނެ. އެކަން ކުރާނެ ވަރުގެ ފެންވަރު އޭނާގެ ގައިގާ އެބަހުރި. އޭނާއަކީ ޓީމާ މެދު ވިސްނާ، ޓީމް ކުޅުންތެރިއެއް. ޖެރާޑަކީ ޓީމްގެ ކުޅުންތެރިންގެ އިތުރުން ކްލަބުގެ ކުރިއެރުމާ އެހެން މީހުންގެ ކުރިއެރުމަށްވެސް ވިސްނާ ކުޅުންތެރިއެއް،" އޫލިޔޭ ބުންޏެވެ.

ލިވަޕޫލާއެކު އޭނާގެ މުޅި ކެރިއަރު ހޭދަކުރި ޖެރާޑް ވަނީ އެ ކްލަބާ އެކު ޔޫއެފާ ޗެންޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕްގެ އިތުރުން އިނގިރޭސި ލީގާއި އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައެވެ.