ވޭތުވެދިޔަ ސީޒަންގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގައި ޑިފެންޑަރެއްގެ މަގާމް އަދާކުރަމުން އައި އަކްރަމް އަބްދުލް ގަނީ އެ ކްލަބާއެކު ވެފައިވާ އެއްބަސްވުން އާކޮށްފި އެވެ.

ނިއުރޭޑިއެންޓުން ބުނީ އަކްރަމް އެ ކްލަބާއެކު އަނެއްކާވެސް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައި ވާކަމަށެވެ. 2013 ވަނަ އަހަރު ވެލެންސިޔާއިން ނިއުއަށް ބަދަލުވި އަކްރަމް އެ އަހަރު 100 ޕަސެންޓު ރިކޯޑަކާއެކު ދިވެހި ލީގު ނިންމާލަން އެ ކްލަބަށް އެހީތެރި ވެދީފައި ވާއިރު، އޭނާ ވަނީ މިއަހަރުގެ ސީޒަންގައި އެ ކްލަބަށް ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް މިލްކު ކުރަންވެސް އެހީތެރިވެދީފަ އެވެ.

ޑިފެންޑަރެއްގެ އިތުރުން ދަނޑުމަތީގައި މިޑްފީލްޑަރެއްގެ މަގާމަށްވެސް ކުޅޭ އަކްރަމް އެންމެ ފުރަތަމަ 2006 ވަނަ އަހަރު ފެނިފައި ވަނީ ކްލަބް ވެލެންސިޔާއިން ނެވެ. ހަމަ އެ އަހަރު އޭނާ ނިއުއަށް ބަދަލުވެފައި ވާއިރު، 2009 ވަނަ އަހަރާ ހަމައަށް އޭނާ ކުޅެދިނީ ނިއުއަށެވެ. އޭގެ އިތުރުން ވީބީ، މާޒިޔާ އަދި ވިކްޓްރީގައިވެސް ކުޅެފައިވާ އަކްރަމް ވަނީ 2010 ވަނަ އަހަރު ވީބީ އާއެކު ލީގު ޗެންޕިއަންކަންވެސް ހޯދާފައެވެ. 2007 ވަނަ އަހަރުން ފެށިގެން ރާއްޖެގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ އަކްރަމް ވަނީ މިހާތަނަށް ގައުމީ ޓީމަށް 27 މެޗު ކުޅެދީ، އެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްފައެވެ.

އަކްރަމްގެ އިތުރުން މިދިޔަ މަހުގެ ފަހުކޮޅު ނިއުގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ރިލްވާން ވަހީދު (ރިލޭ) ގެ އިތުރުން އައްސަދު އަލީ (އަޑުބަރޭ) ވެސް ނިއުއަށް ސޮއިކޮށްފައި ވާއިރު، އެ ކްލަބުން ވަނީ ސްޕެއިންގެ ގޯލްކީޕަރަކާއި ބްރެޒިލްގެ ދެ ފޯވާޑުން އެ ޓީމަށް ގެނެސްފައެވެ. އޭގެ އިތުރުން އަދިވެސް އިތުރު ދިވެހި ކުޅުންތެރިންނާއި ވާހަކަ ދައްކަމުން އަންނަ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

ނިއުގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށް އެ ކްލަބުން އަދިވެސް އިތުރު މަސަކަތްތަކެއް ކުރަމުން ދާއިރު، އެ ކްލަބުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އެ ޓީމްގެ މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) ވަނީ ކުރި އޮޕަރޭޝަނެއްގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ. އަދި މި މަހުގެ ފަހު ކޮޅު ބާއްވާ ޕޮމިސް ކަޕްގައި ނިއުގެ ފުރަތަމަ އެގާރައިން އޭނާ ފެނިގެން ދިޔުމުގެ ފުރުސަތު ކުޑަކަމަށް އެކްލަބުން ބުނެފައި ވާއިރު، އޭއެފްސީ ކަޕަށް ސެންޓޭ ފިޓު ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އެ ކަލްބުން ވަނީ ބުނެފައެވެ.