ފުލުހުން މިދިޔަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި އެކި އެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ބައިލައްކައެއްހާ މީހުންނަށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ހިންގި ބްލޫޒް ފޯ ޔޫތު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށާއި އެރަށުގައި ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ ފުލުހުން ހިންގާފައިވާ އެފަދަ ޕްރޮގްރާމްތަކުގެ ސަަބަބުން މުޖުތަމައުގައި ހިނގާ އެކިއެކި ކުށްތަކުގެ މިންވަރު ދަށަށް ގޮސްފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.

"ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ ގަމާ ދޭތެރޭގައި މިވާ ރަށްރަށުގައި ތަފާތު އެކިއެކި ނަންނަމުގައި ފުލުހުން ހިންގި އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމް ތަކާއި ކޭމްފަދަ ކަންކަމުގައި ގާތްގަނޑަކަށް ފަންސާސް ހާހެއްހާ މީހުންނަށް އެކި ކަހަލަ މައުލޫމާތުދީ ހޭލުންތެރި ކުރުވައި ގައުމުގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރެވިފައިވޭ،" ސީޕީ ވިދާޅުވެފައިވެ އެވެ.

ފުލުހުންގެ އިދާރާ އަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމުގެ މަސައްކަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވުނު މަސައްކަތްތަކަށް ވެސް ހަލުވި ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ. އަދި ކުށުގެ މިންވަރު ދަށްކޮށް ކުށުގެ ހާލަތު ރަނގަޅުކުރެވެމުން އަންނަނީ ފުލުހުންނާ އެކު ސަރުކާރާ ކަމާބެހޭ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ކުރަމުންދާ ބުރަ މަސައްކަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ 2013 ވަނަ އަހަރާ ބަލާއިރު 2014 ވަނަ އަހަރު ރާއްޖޭގައި ކުށްކުރެވުނު ނިސްބަތް ވަރަށް ބޮޑުތަން ދަށްކުރެވިފައިވާ ކަމަށެވެ. އަދި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގި މާރާ މާރީގެ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، ރޭވިގެން ހިންގި ބޮޑެތި މާރާ މާރީތަކާއި މަސްތުވާތަކެތީގެ އެތައް މައްސަލަތަކެއް ހުއްޓުވިފައިވާ ކަމަށެވެ.

އެގޮތުން ފުވައްމުލަކުގެ ތަފާސް ހިސާބަށް އަލިއަޅުވާލައްވައި ވިދާޅުވީ 2012 ވަނަ އަހަރު ފުވައްމުލަކުގައި ހުށަހެޅުނީ 1258 މައްސަލަ ކަމަށެވެ. އަދި 2013 ވަނަ އަހަރު 1217 މައްސަލަ ހުށަހެޅުނުއިރު 2014 ވަނަ އަހަރު ހުށަހެޅިފައި ވަނީ 682 މައްސަލަކަން ސީޕީ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ވައްކަމާއި ފޭރުމުގެ އެތައް މައްސަލަތަކެއް ހިނގުމުގެ ކުރިން ފުލުހުންގެ ކުޅަދާނަކަމާ އެކު އެ މައްސަލަތައް ހައްލުކުރެވިގެން ގޮސްފައިވާ ކަމަށާއި ރައްޔިތުންގެ އެތައް މުދަލެއް ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށް، އެތައް އެތައް ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ފުލުހުން ސާބިތުކަމާ އެކު މަސައްކަތް ކޮށްފައިވާކަން ސީޕީ ފާހަގަކުރެއްވި އެވެ.