03 Jan 2015, 14:34
އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް ޑރ. ޔާސިރް ގާދީ އަންނަ މާޗް މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، އިލްމުވެރިޔާ ޔާސިރް ގާދީ ރާއްޖެ ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކަމަށެވެ. އަދި ރާއްޖެ ކުރައްވާ އެ ދަތުރުފުޅުގައި ހާއްސަ ދަރުހަކާއި ޚިތާބެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝައިހް ޔާސިރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ އަށް ވަނަ ދުވަހު އެވެ. ޝައިހް ދެއްވާ ދަރުސް އޮންނާނީ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ހިތާބު ދިނުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހުކުރު ދުވަހުއެވެ.
ދަރުސް ދެއްވާނީ 'އިސްލާމްދީނަކީ ހައްގު ދީން' މި މައުޟޫއަށެވެ.
Dr yaasir Q. aki,harukashi fikuruthakaa dhekolhah vakalaathu kuravvaa, adhi USA ga ethah bayaku eynaa ge aymachah islam vefayvaa beyfulheh
— د.محمد شهيم علي سعيد (@Mohamedshaheem1)January 3, 2015
އެމެރިކާގައި ހުންނަ އަލް މަޣުރިބް އިންސްޓިޓިއުޓްގެ އެކަޑަމިކް އެފެއާޒްގެ ޑީން ޝެއިހް ޑރ. ޔާސިރު ގާޟީގެ އިތުރުން، ޒިންބާބުއޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ މުފްތީ މެންކް ވެސް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ޝަހީމު ވިދާޅުވި އެވެ.