އައްޑޫ ސިޓީ ސްޓެޑިއަމްގައި މިހާރު ކުރިއަށްދާ ޖުނާ ފުޓްބޯލް ޗެލެންޖް 2014-2015 ގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި، ދަ އައިލެންޑް ކޮމިއުނިޓީ (އައިކޮމް) އެ ޓީމްގެ ފުރަތަމަ ކާމިޔާބލީ ހޯދިއިރު، ފްރެންޑްސް ކަލްބް މުބާރާތުގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ގްރޫޕް 'ބީ' ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.

އެ މުބާރާތުގައި އައިކޮމް މިހާތަނަށް ދެ މެޗު ކުޅެފައި ވާއިރު، އެ ޓީމް ވަނީ ކުޅުނު ފުރަތަމަ މެޗުގައި މަލްޓި ޖީނިއަސްއާ ބައްދަލުކޮށް 4-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އެ ޓީމް ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރިއިރު، މިހާތަނަށް ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ލިބިފައި ވަނީ މުޅިއަކު ތިން ޕޮއިންޓެވެ. އެއާ ހިލާފަށް ފްރެންޑްސް ކަލްބް މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށް މުޅިއަކު ހަތަރު ޕޮއިންޓް ހޯދާފައި ވާއިރު، އެ ޓީމް ވަނީ ގްރޫޕް 'އޭ' ތާވަލްގެ އެއްވަނައިގައި އޮތް ދަ ފޭދޫއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. ނަމަވެސް އެ ގްރޫޕްގެ ދެވަނަ އެ ޓީމަށް ލިބިފައި ވަނީ ފައިދާ ލަނޑުގެ ތަފާތުން ދަ ފޭދޭ އަށްވުރެ އެ ޓީމް ދަށް ވުމުންނެވެ.

އެ މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ބައްދަލުކުރީ އައިކޮމް އާއި މުލިމަތި ޔުނައިޓަޑް އެވެ. އެ މެޗު އައިކޮމް ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ މެޗު ފެށިތާ މާގިނައިރުތަކެއް ނުވަނީސް އައިކޮމްގެ އިބްރާހިމް ހަމްދާން ވަނީ މެޗުގައި އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ޓީމަށް ލީޑު ހޯދަދީފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އައިކޮމް ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑް ފުޅާ ކޮށްފައެވެ.

އެ މެޗުގެ ފުރަތަމަ ހާފްގައި މުލިމަތި ޔުނައިޓަޑަށް ވަނީ އައިކޮމްގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭގޮތް ނުވެފައެވެ. މެޗުގެ ތިން ޕޮއިންޓް އައިކޮމްއަށް ކަށަވަރު ވެގެން ދިޔައީ ދެވަނަ ހާފްގެ 82 ވަނަ މިނެޓުގައި އެ ޓީމްގެ އަހުމަދު ވިޝާމް އައިކޮމްއަށް މެޗުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނުމުންނެވެ. މެޗުގައި އައިކޮމުން ކާމިޔާބު ކުރި ހަތަރުވަނަ ލަނޑު ފެނިގެން ދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑާއެކު 4-0 ގެ ނަތީޖާއަކުން އައިކޮމް ކުރީގައި އޮވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިކޮމްއަށް މެޗުގައު ދެ ލަނޑު ކާމިޔާބުކޮށްދިން އެ ޓީމްގެ އިބްރާހިމް ހަމްދާނު އެވެ.

އެ މުބާރާތުގައި އިއްޔެ ފްރެންޑްސް ކްލަބް ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރީ އެފްސީ ޒެފިއަރ އެވެ. އެ މެޗު ފްރެންޑްސް ކްލަބުން ކާމިޔާބު ކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ފުރަތަމަ ލީޑް ނެގީ ފްރެންޑްސް ކަލްބެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެފްސީ ޒެފިއަރ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު، މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރެންޑްސް ކްލަބް ވަނީ މެޗުގައި އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، އަނެއްކާވެސް މެޗުގެ ލީޑް ހޯދާފައެވެ.

މެޗުގެ ދެވަނަ ހާފްގައި އެފްސީ ޒެފިއަރ އަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، އެ ހާފްގައި ފްރެންޑްސް ކްލަބް ވަނީ އިތުރު ތިން ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 5-1 ގެ ނަތީޖާއަކުން ފްރެންޑްސް ކްލަބް ކުރީގައި އޮތްއިރު، އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރެންޑްސް ކްލަބަށް މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްދިން އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމަންޑް މަންސާރީ އެވެ. އެ މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އެ މުބާރާތުގައި އޭނާ މިހާތަނަށް ހަތް ލަނޑު ކާމިޔާބުކޮށްފައި ވާއިރު، މިހާތަނަށް އެ މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމްވެސް ހޯދާފައި ވަނީ އޭނާ އެވެ.

އެ މުބާރާތުގައި މިއަދުވެސް މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު، އެ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ މަލްޓި ޖީނިއަސް އާއި މުލިމަތި ޔުނައިޓޑެވެ