03 Jan 2015, 14:02
ލ. ގަމު އިހައްދޫ، ސްކޫލްގައި ގްރޭޑް 8 އުފެއްދުމުގެ ހުއްދަދިނުމުން ސްކޫލް ކުދިން އެކަމަށް ތައްޔާރުވެފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ބާތިލް ކޮށްފިއެވެ.
'ސަން' އަށް މައޫލޫމާތު ދެއްވަމުން އިހައްދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ސައީދު ވިދާޅުވީ އެ ސްކޫލްގައި މިއަހަރު ގްރޭޑް 8 އުފެއްދުމަށް ދޫކުރި ހުއްދަ ބާތިލްކޮށްފައިވާ ކަމުގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން ރަސްމީކޮށް ސްކޫލަށް އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެޑިއުކޭޝަން މިނިސްޓްރީން އަޅުގަނޑަށް ވަނީ އެ މައުލޫމާތު ލިބިފައި. އެހެންނަމަވެސް އެގޮތަށް ނިންމި ކަމެއް ސްކޫލަށް އަންގާފައެއް ނުވޭ،" ސައީދު ވިދާޅުވިއެވެ.
އިހައްދޫ ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓްރީން ހުއްދަ ދިނުމާ ގުޅިގެން އެ ސްކޫލްގެ ގްރޭޑް އަށަކަށް ވަނުމުގެ ފުރުސަތު މިދިޔަ މަހުގެ ދެވަނަ ދުވަހު ހުޅުވާލި ކަމަށެވެ. މިދިޔަ މަހުގެ 11 ގެ ނިޔަލަށް ފޯމް ހުށައެޅުމަށް އިއުލާން ކުރުމުން އެ މުއްދަތުގެ ތެރޭގައި ގިނައަދަދެއްގެ ކުދިން ފޯމް ހުށައެޅި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ
އޭނާ ވިދާޅުވީ އެ ސްކޫލްގެ ގްރޭޑް އަށަކަށް ވަތް ކުދިންނަށް ފޮތްލިސްޓުގެ ވައުޗާ ދޫކޮށްފައިވާއިރު ހުރިހާ ކުދިން ވެސް ފޮތްތައް ގަނެ، ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމް ފަހައި ސްކޫލަށް ވަނުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވެފައިވާ ކަމަށެވެ.
"އެހެން ސްކޫލްތަކުން ކެނޑިގެން ގިނަ ކުދިންތަކެއް ވަނީ އިހައްދޫ ސްކޫލަށް ވަދެފައި. އަދި ސްކޫލަށް ދިޔުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެ ނިމިފައި،" ސްކޫލްގެ އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ އަހަރު ނިމުނު އިރު ގްރޭޑް 1 އިން 7 ކަށް 350 ކުދިން އެ ސްކޫލުގައި ތައުލީމް ހާސިލް ކުރި ކަމަށާއި މިއަހަރު އެދަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސްކޫލަކީ ޖާގައިގެ ގޮތުން ތަނަވަސް ތަނެއް ކަމަށާއި 16 ކްލާސް ރޫމަކާއި ލައިބްރަލީ އަކާއި ކޮމްޕިއުޓާ ރޫމާއި ސައިންސް ލެބެއް ވެސް އެ ސްކޫލްގައި ހުންނަ ކަމަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
މިކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.