ފުލުހުން މިއަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީގެ ރަސްމީ އެފްބީ ޕޭޖްގައި މިއަދު ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރު ފުލުހުން އެންމެ އިސްކަމެއް ދޭނީ މުޖުތަމައުގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތައް މަދުކޮށް، އެ މައްސަލަތަކުން މީހުން ދުރުކުމަށް ކަމަށެެވެ.

"މިއަަހަރު ފުލުހުން އެންމެ ބޮޑު އިސްކަމެއްދޭނީ މަސްތުވާތަކެތީގެ ނުރައްކަލުން މީހުން ސަލާމަތް ކުރުމަށް،" ސީޕީ ވިދާޅުވެފައިވެ އެވެ.

ދިވެހި މުޖުތަމަޢު މިއަދު މިވަނީ ރައްޔިތުން އެކުގައި އަތާ އަތްގުޅާލައި ވަރަށް މުހިއްމު އަދި ގައުމަށް އެހާމެ ފައިދާ ހުރި މަސައްކަތެއް ކުރުމަށް ސާބިތުކަމާ އެކު ނުކުންނަން ޖެހިފައި ކަމަށާއި އެކަމަކީ ޒުވާން ޖީލު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް ކުށުގެ ނުރައްކަލާއި ދުރު ކުރުމުގެ މަސައްކަތް ކަމަށް މިދިޔަ ޑިސެމްބަރު މަހު ފާހަގަ ކުރި ގައުމީ އެއްބައިވަންތަ ކަމުގެ ދުހު ސީޕީ ނެރުއްވި ހިތާބުގައި ވިދާޅުވެފައިވެ އެވެ.

2013 ގެ ނޮވެމްބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ ނޮމެމްބަރާ ހަމައަށް 21،169 މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ އިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި އެކި އެކި މައްސަލަތައް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިދިޔަ ޑިސެމްބަރު މަހު އެކަނި ވެސް މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ބަނގުރަލުގެ އަދަދު ގާތްގަނޑަކަށް 400 ފުޅިއާ ގާތްކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ސްރީލަންކާ އިން ރާއްޖެ އައި 35 އަހަރު ފިރިހެނެއްގެ ހަށިގަނޑު ތެރޭގައި 30 ބްލެޓް ރައްކާކޮށްގެން ރާއްޖެ އެތެރެކުރަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.