މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 10.5 ޕަސެންޓު ކުރިއަރާނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

އެމްއެމްއޭއިން ނެރުނު މިދިޔަ އަހަރުގެ އިގްތިސާދީ ރިވިއުގައި ވަނީ މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ 8.5 ޕަސެންޓަށް ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު 10.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު އެންމެ ބޮޑަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި އިމާރާތް ކުރުމުގެ ދާއިރާއިން ނެވެ.

އެމްއެމްއޭއިން އާންމު ކުރި އިގްތިސާދީ ރިވިއުގެ ވަކިވަކި ދާއިރާތަކަށް ބަލާލާއިރު 2013ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިން ޒިޔާރަތް ކުރި މިންވަރު ވަނީ އިތުރުވެފައެވެ. ނިމިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ކުންފުނިތަކުން މަސް ކިރުވި އަދަދު ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު 50 ޕަސެންޓު ދަށަށް ގޮސްފައި އެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާ ބަލާއިރު އެއީ 14 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭއިން ހާމަކުރެ އެވެ. ހަމައެހެންމެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ 2013 ވަނަ އަހަރާއި އަޅާ ބަލާއިރު އެއް ޕަސެންޓު ކުރިއަރާފައި އެވެ.

ތަކެތީގެ އަގުތަކަށް ބަލާއިރު އައިއެމްއެފްގެ ކޮމޯޑިޓީ ޕްރައިސް އިންޑެކްސް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާ ބަލާއިރު ނޮވެމްބަރު މަހު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ ހަ ޕަސެންޓު ދަށަށް ގޮސްފައެވެ. އެކަން މެދުވެރިވާން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭއިން ހާމަކޮށްފައި ވަނީ ތެލުގެ އަގު ދަށަށް ދިއުމާއި ގުޅިގެން ނެވެ. އަހަރުން އަހަރަށް ބަލާއިރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ 17 ޕަސެންޓު ދަށަށް ގޮސްފައެވެ. މިއަހަރުގެ ނޮވެމްބަރު މަސް ނިމުނު އިރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުހުރީ 77 ޔޫއެސް ޑޮލަރަށެވެ.

އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިލޭ އެހީއާ ނުލައި ސަރުކާރަށް ވަނީ އެއް ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައި އެވެ. އެއީ 2013 ވަނަ އަހަރު ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރު ވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަހަރުން އަހަރަށް ބަލާއިރު މިއަދަދު ވަނީ 13 ޕަސެންޓު އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުން އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 547 ޔޫއެސް ޑޮލަރު ހުއްޓެވެ. އެއީ މަސް ދުވަހާއި އަޅާބަލާއިރު އެއް ޕަސެންޓުގެ ދަށް ވުމެކެވެ. އަދި އެ އަދަދަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 64 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭއިން ނެރުނު މިދިޔަ އަހަރުގެ އިގްތިސާދީ ރިވިއުގައި ވަނީ ބުނެފައި އެވެ.