ސިންގަޕޫރަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މިއަހަރު އަހަރު އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިއަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އުފަންވާ ކޮންމެ ކުއްޖަކަށް ވެސް އެ ހަދިޔާތައް ލިބިގެންދާއިރު، އޭގެ ތެރޭގައި އެހެން ގައުމުތަކުގައި އުފަންވާ އެގައުމުގެ ކުދިންވެސް ހިމެނޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

މިއަހަރުގެ ތެރޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ދިނުމަށް ނިންމާފައިވާއިރު، ހަދިޔާގެ ގޮތުގައި ދޭނެތަކެތި ކަނޑައަޅާފައި ވަނީ އެގައުމުގެ ރައްޔިތުންގެ މެދުގައި ނެގި ޚިޔާލުހޯދުމުގެ ޕޯލްއަކުންނެވެ.

ހަދިޔާތަކުގެ ތެރޭގައި ތުއްތު ކުދިންނަށް ބޭނުން ހިފޭނެ ފަދަ ބޭނުންތެރި އެއްޗެހި ހިމެނޭނެ ކަމަށް ހަދިޔާ ސްކީމްގެ ރަސްމީ ވެބްސައިޓާ ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.

ރަންޔޫބީލާ ދިމާކޮށް ދޭން ހަމަޖެހިފައިވާ ހަދިޔާތަކުގެ ތެރޭގައި ތުއްތު ކުދިން އުފުލުމަށް "ބޭބީ ކެރިއަރަކާއި" ތުއްތު ކުދިންގެ އެއްޗެހި އަޅާނެ ދަބަހަކާއި "އަހަރެންނަކީ ރަންޔޫބިލް ކުއްޖެއް" ޖަހާފައިވާ ހެދުންކޮޅު ތަކެއްގެ އިތުރުން ތުއްތުގެ ކުއްޖާގެ ފޮޓޯތައް ރައްކާކުރެވޭނެ ފަދަ ސްކްރެޕްބުކަކާއި ހަނދާނީ މެޑަލެއް ހިމެނެ އެވެ.

ސްކީމްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ، އެ ޚާއްސަ ހަދިޔާ ފޮށި ރަމްޒުކޮށްދެނީ އެއްޖީލުން އަނެއް ޖީލަށް ފޮނުވާ ހެޔޮ އެދުންތައް ކަމަށެވެ.

މީގެ އިތުރުން، ސިންގަޕޫރުގެ ރަންޔޫބީލާ ދިމާކޮށް އުފަންވާ ކޮންމެ ކުއްޖަކަށް ސެލްފީ ސްޓިކަކާއި ފައިސާ ފޮއްޓެއް ދިނުމަށް އެގައުމުގެ މައި ބޭންކުން ވެސް ވަނީ ނިންމާފައެވެ.