03 Jan 2015, 12:08
ސްރީލަންކާގެ އިދިކޮޅު ކެންޑިޑޭޓް މައިތިރިޕާލާ ސިރިސޭނާ އަށް ގަލުން ދިން ހަމަލާތަކެއްގައި އޭނާ ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ. ސަރުކާރަށް ތާއީދު ކުރާ ކަމަށް ބެލެވޭ ބަޔަކު ދިން ހަމަލާގައި ސިރިސޭނާ ސަލާމަތް ވިއަސް، އޭނާގެ 20 ސަޕޯޓަރަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ސްރީލަންކާގެ މެއިލް އޮންލައިން ނޫހުން މިއަދު ބުންޏެވެ.
ރިޔާސީ ރޭހުގައި ރައީސް ރާޖަޕަކްސާގެ ވާދަވެރިޔާއާ ސިރިސޭނާ އާ ދިމާލަށް ގަލުގެ "ތޫފާނެއް" އިއްޔެ ފޮނުވާލީ 200،000 ވަރަކަށް މީހުންގެ ރެލީއެއްގައި ސިރިސޭނާ ވާހަކަ ދައްކަވަން ހުއްޓަ އެވެ.
މޯބައިލް ފޯންތަކުގެ ފްޓޭޖުތަކުން ފެންނަ ގޮތުގައި ކައިރީގައި ހުރި އިމާރާތެއްގެ މަތީން ގަލުގެ ހަމަލާތައް އަންނަން ފެށުމުން މީހުންތައް އެ މީހުންގެ ބޯތައް މަތީގައި އަތް އަޅައިގެން ބޯ ނިވާ ކުރަން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ. އަދި ވަރަށް ގިނަ މީހުންގެ ގައިން ލޭ އައިސް، ހެދުމަށް ލޭ ފާބައިފައި ހުރި މަންޒަރު ފެނުމުގެ އިތުރަށް އެއް ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވެސް ހޯދަން ޖެހިފަ އެވެ.
އިދިކޮޅު ލީޑަރަށް ގަލުގެ ހަމަލާތަކެއް ދީފައި މި ވަނީ، މިނިވަން އިންސާފުވެރި އަދި އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާ އެކު ކެމްޕޭން ކުރުމުގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމަކީ ސަރުކާރުން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފައި ވަނިކޮށެވެ. އަދި ކެމްޕޭންގެ ފަހު ދުވަސްކޮޅު ހަމަނުޖެހުން ހިނގާނެ ކަމަށް އިލެކްޝަން މޮނިޓާ ކުރާ ފަރާތްތަކުން ކުރިން ބުނެފައި ވަނިކޮށެވެ.
ސިރިސޭނާ ވިދާޅުވީ އެ ހަމަލާއަކީ ސީދާ އޭނާ އަށް ދިން ހަމަލާއެއް ކަމަށެވެ.
"މީގެ އިން ދައްކުވައި ދެނީ ރައީސްގެ ޑިމޮކްރަސީ އަދި ގުޑް ގަވަނަންސް، އަދި އިލެކްޝަން ގާނޫނު ހިމާޔަތް ކުރާ ވަރު،" ސިރިސޭނާ ނޫސްވެރިނަށް ވިދާޅުވި އެވެ.
ސިރިސޭނާ ވިދާޅުވީ އޭނާ ސަލާމަތްވީ އޭނާގެ ހަށިފާރަވެރިންގެ ހުނަރުން ކަމަށާއި ނަމަވެސް ވިއްސަކަށް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
އެ ހަމާލާ ދިނުމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ފުލުހުން ބުނީ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އެ ހަމަލާދީފައި މި ވަނީ އީޔޫގެ ބަޔާނަށް ރައްދުދީ، އެތެރޭގެ ކަންކަމާ ނުބެހުމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީ އިން ބަޔާނެއް ނެެރުނުތާ މަދު ގަޑިކޮޅެއްގެ ތެރޭގަ އެވެ. އީޔޫގެ ބަޔާނުގައި ބުނީ ސްރީލަންކާގެ ރައްޔިތުން އެ މީހުންގެ ވެރިޔަކު ހޮވުމަށް ސުލްހަވެރި ވޯޓެއް ނެގުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އެތެރޭގެ އިންތިހާބާ ބެހި ގޮތް ކިޔުމަކީ ބޭރުގެ ޑިޕޮލަމޭޓުންނާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި ބުނީ ބޭރުގެ އެހީއަކާ ނުލައި މިނިވަން އަދި އިންސާފުވެރި އިންތިހާބެއެއް ބޭއްވުމުގެ ގާބިލުކަން ސްރީލަންކާ އަށް ލިބިގެންވާ ކަމަށެވެ.
ފަހުން ބޭއްވި ހުރިހާ އިންތިހާބަކަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވައި ބިރު ދެއްކުމުގެ އިތުރަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތު ވަނީ ސަރުކާރުގެ މައްޗަށް ކުރެވިފަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ، ލަންކާގެ އެތެރެ އާއި ބޭރުގެ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ވަކިވެގަތުމަށް މަސައްކަތް ކުރި ތަމަޅަ ހަނގުރާމަ ނިންމާލި، 2009 ވަނަ އަހަރު އެކަނި ވެސް 40،000 އާންމުން ވަނީ މަރައިފަ އެވެ. މުޅި ތަމަޅަ ހަނގުރާމަ ނިމުނު އިރު 100،000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑްތައް ދައްކަ އެވެ. ނަމަވެސް ހަނގުރާމާގައި އެއްްވެސް އާންމު މީހަކު މަރުވި ކަމަކަށް ރާޖަޕްކްސާ އެއްބަހެއް ނުވެ އެވެ. އަދި އެ މައްސަލަ ބެލުމަށް އދ. އިން ގާއިމު ކުރި ކޮމިޝަނަށް އެއްބާރުލެއްވުން ދެއްވުމަށް ވެސް ރާޖަޕަކްސާ ވަނީ އިންކާރު ކުރައްވައިފަ އެވެ.
މުސްލިމުންނާއި ތަމަލައިންގެ ސަޕޯޓް ސިރިސޭނާ އަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީން މޫން މިދިޔަ ހަފުތާގައި ވިދާޅުވީ ލަންކާގެ މުސްލިމުންނާއި ތަމަޅައިންނަށް ބިރަކާ ނުލައި ވޯޓުލުމުގެ ފުރުސަތު ސަރުކާރުން ތަނަވަސްކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.