ޕެރޯލްބޯޑުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ ޝަރީއަތަށް މައްސަލަހުށައެޅޭގޮތް ފަހިކޮށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން 95 އިސްލާހެއް ހުށައަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މި ގާނޫނަށް އިސްލާހު ހުށައަޅާފައި ވަނީ ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު އެވެ.

ބިލަށް ހުށައެޅި އިސްލާހުތަކާ ބެހޭގޮތުން 'ސަން' އަށް މައުލޫމާތުދެއްވަމުން ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ވިދާޅުވީ، ގާނޫނު ތަންފީޒު ކުރުމުގައި، ދަތި ތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، އެކަން ހައްލުކުރެވެން އޮތީ ގާނޫނު އިސްލާހުކޮށްގެން ކަމަށެވެ.

އޭނާ ހުށައެޅުއްވި އިސްލާހުގައިވާގޮތުން ހުކުމް ތަންފީޒު ކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބި ޕެރޯލްއާ ގުޅޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭނަމަ އެ ނިންމުން ނިންމިތާ 60 ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމުގެ ހައްގު ހުކުމް ތަންފީޒުކުރާ މީހަކަށް ލިބިގެންވެއެވެ. އެ މައްސަލަ ޝަރީއަތަށް ހުށަހެއެޅޭނީ ޕްރޯލް ބޯޑުން ނިންމާ ނިންމުން އަލުން މުރާޖާކޮށްދިނުމަށް ދެވަނަ ފަހަރަށް އެ ބޯޑަށް ހުށައަޅައި ނިންމާ ނިންމުމާ މެދު ހިތްހަމަ ނުޖެހޭނަމަ އެވެ.

މީގެއިތުރުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާ ފަރާތެއް ނަމަ، ޖަލުން ފިލައިގެން ނުވަތަ ބޭސްފަރުވާއަށް ވެސް ޖަލުން ބޭރުގައި ހޭދަ ކުރާ ދުވަސްތައް، ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށައަޅާފައި ވާނެ ކަމަށް ޖަމީލު ވިދާޅުވިއެވެ. ޖަލުތަކާ ޕެރޯލްގެ ގާނޫނު އެކުލަވާލާފައި ވަނީ ގައިދީން އެކި ބޭނުންތަކަށް ނުވަތަ ފިލައިގެން ޖަލުން ބޭރުގައި ހޭދަކުރާ ދުވަސްތަކަކީ ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ގޮތުގައި ހިމެނޭ ގޮތަށެވެ.

ސަރުކާރުގެ ފަރާތުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށައެޅި އިސްލާހުތައް ފާސްވެއްޖެ ނަމަ ޖަލުގައި ތިބޭ ގައިދީންނެކޭ އެއްފަދައިން ކުށެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ތިބޭ މީހުންނާ މެދު ވެސް އަމަލުކުރަން ޖެހޭނީ އެއް އުސޫލަކުން ކަމަށް ޖަމީލު ވިދާޅުވިއެވެ.

ގާނޫނު ބުނަގޮތުން ހައްޔަރުކުރެވޭ ނުވަތަ ކޯޓުންކުރާ ހުކުމަކާ ގުޅިގެން ޖަލަށްލާ އަންހެނާގެ ހަމަސް ނުފުރޭ ގާތުން ކިރުދޭ ކުއްޖެއް ހުރި ނަމަ އެ އަންހެންމީހާ ވަގުތީގޮތުން ޖަލުން ދޫކޮށްލުމުގެ ފުރުސަތު ޖަލު ކޮމިޝަނަރަށް ލިބިގެންވެއެވެ. ޖަމީލު ވިދާޅުވީ ސަރުކާރުން ހުށައެޅި އިސްލާހުތައް ފާސްވެއްޖެނަމަ އެ ހަމަސް ދުވަހުގެ މުއްދަތު އެއް އަހަރަށް ބަދަލުވެގެން ދާނެކަމަށެވެ.

މިނިސްޓަރަށް ލިބިދީފައިވާ ގިނަ ބާރުތަކެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ލިބޭގޮތަށް ވަނީ އިސްލާހު ހުށައަޅާފައެވެ. ޖަލުގެ އޮފިސަރުން ވަޒީފާއިން ވަކި ކުރުމާއި، ޖަލުގެ އަފޮސަރުކަމަށް މީހުން އައްޔަން ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ މިނިސްޓަރަށެވެ. ނަމަވެސް އެ އިސްލާހު ފާސް ވެއްޖެ ނަމަ މިނިސްޓަރަށް ލިބިދީފައި ވާ ގިނަ ބާރުތައް އެމްސީއެސް ގެ ކޮމިޝަނަރަށް ލިބޭ ގޮތަށް ބަދަލުވެގެން ދާނެއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސަބަބު ބަޔާންކޮށް މިނިސްޓަރަށް ހުށައަޅަންޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ނަމަވެސް އެ ގާނޫނަށް ހުށައެޅި އިސްލާހުތަކުގައި ބުނެފައި ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސްއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސަބަބު ބަޔާންކޮށް އަންގަންވާނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް 95 އިސްލާހެއް ހުށައަޅާފައި ވާއިރު، ގާނޫނުގެ ހަ މާއްދާއެއް އުވާލުމަށްވެސް ވަނީ ހުށައަޅާފައެވެ. ގާނޫނަށް އިސްލާހު ހުށައަޅާ ބިލް މަޖިލީހަށް ފޮނުވައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 25 ވަނަ ދުވަހު އެވެ. މިއީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ހުށައެޅި ފުރަތަމަ ފަހަރެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖަލުތަކާއި ޕެރޯލްގެ ބިލް ތަސްދީގު ކުރެއްވީ އަލުން ވިސްނާ ވަޑައިގަތުމަށް މަޖިލީހަށް ފޮނުވާލެއްވުމުން ދެވަނަ ފަހަރަށް އެ ބިލް ފާސް ކުރުމުންނެވެ.

ރައީސް ވަހީދު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ އެ ބިލްގައި ގާނޫނީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އޭރުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ލަފާދެއްވާފައިވަނިކޮށެވެ. އެހެންނަމަވެސް އެއިރު މަޖިލީހުން ދެވަނަ ފަހަރަށް އެ ބިލް ފާސްކޮށްފައި ވަނީ ބަންޑާރަ ނައިބު ފާހަގަކުރެއްވި އެއްވެސް ކަަމަކަށް ރިއާޔަތްކުރެއްވުމެއް ނެތިއެވެ.