މިދިޔަ މަހުގެ 28 ވަނަ ދުވަހު ގެއްލުނު އެއާ އޭޝިއާގެ މަތިންދާބޯޓު ކިއޫޒެޑް8501 ގެއްލުމުގެ އެއް ދުވަސް ކުރިން، އެ އެއާލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް އިންޝުއަރެންސް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ޓިއުން އިންޝުއަރެންސް ހޯލްޑިންގްސް ބީއެޗްޑީގެ 944،800 ހިއްސާ އެއާ އޭޝިއާގެ ސީއީއޯ ޓޯނީ ފާނެންޑޭޒް ވިއްކާލިކަން ފަޅާ އަރައިފި އެވެ.

އެއާ އޭޝިއާގައި މަސަކަތްކުރާ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި އެއާ އޭޝިއާގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޓިއުން ހޯލްޑިންގްސް އުފެއްދި ފާނެންޑޭޒް ޑިސެންބަރު 26 ވަނަ ދުވަހު ވަނީ ޓިއުން އިންޝުއަރެންސް ހޯލްޑިންގްސް ބީއެޗްޑީ ގެ 944،800 ހިއްސާ ވިއްކާލާފަ އެވެ. ޑިސެންބަރު 22 ވަނަ ދުވަހު އޭނާ ޓިއުން އިންޝުއަރެންސް ހޯލްޑިންގްސް ބީއެޗްޑީގެ 850،000 ހިއްސާ ވިއްކާލި އިރު، ޖެހިގެން އައި ދުވަހު ވެސް އޭނާ ވަނީ އެ ކުންފުނީގެ 94،800 ހިއްސާ ވިއްކާލާފަ އެވެ.

ޓިއުން އިންޝުއަރެންސް ހޯލްޑިންގްސް ބީއެޗްޑީގެ ރަސްމީ ވެބްސައިޓުގައި ބުނާ ގޮތުން އެ ކުންފުންޏަކީ "އިންޝުއަރެންސް ޕްރޮޑަކްޓް މެނޭޖާ" އެއް ކަމަށާއި، އެ ކުންފުނީގެ "އިންޝުއަރެންސް ޕްރޮޑަކްޓުތައް އެއާ އޭޝިއާ އިން ދަތުރުކުރާ ފަރާތްތަކަށް ބުކިންގް ޕްރޮސެސްގެ ތެރެއިން" ލިބެން ހުންނާނެ ކަމަށެވެ. އެއާ އޭޝިއާގެ މަތިންދާބޯޓް ކިއޫޒެޑް8501 ގެއްލުނު ދުވަހުން ފެށިގެން ޓިއުން ހޯލްޑިންގްސް އާއި އެއާ އެޝިއާ ކުންފުނީގެ ހިއްސާގެ އަގުތައް ސްޓޮކް މާކެޓުގައި ވެއްޓިފައިވާ އިރު، އެއާ އެޝިއާގެ ހިއްސާގެ އަގު ވަނީ 12.9 ޕަސެންޓު ދަށަށް ގޮސްފަ އެވެ. އަދި ޓިއުން ހޯލްޑިންގްސްގެ ހިއްސާގެ އަގުތައް ވެސް ވަނީ 0.6 ޕަސެންޓު ދަށަށް ގޮސްފަ އެވެ.

މަތިންދާބޯޓު ގެއްލުމުގެ އެއް ދުވަސް ކުރިން ފާނެންޑޭޒް އެ ކުންފުނީގެ ހިއްސާތައް ވިއްކާލުމުން އޭނާ އަށް އެއާ އޭޝިއާ ފްލައިޓް ގެއްލޭނެ ކަމަށް ކުރީބައިގައި އެނގިފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ސްޓޮކް މާކެޓުގައި އޭނާގެ ކުންފުންޏަށް ގެއްލުމެއް ލިބެން އުޅޭކަން ފާނެންޑޭޒް އަށް އެނގޭ ކަމާ މެދު ހެވީ.ކޮމް އިން ވަނީ ސުވާލު އުފައްދާފަ އެވެ. އެ ސައިޓުން ބުނި ގޮތުގައި ފާނެންޑޭޒް އޭނާގެ ކުންފުނީގެ ހިއްސާތައް ވިއްކާލަން ނިންމި ދަނޑިވަޅަކީ "ޝައްކުތަކެއް" އުފެދޭ ފަދަ ދަނޑިވަޅެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ފާނެންޑޭޒް އާ މެދު ޝައްކުތައް އުފެދިފައިވާ ކަމަށް އިންޓަނޭޝަނަލް ބިސްނަސް ޓައިމްސް އިންވެސް ބުނެފައިވާ އިރު، އެ ނޫހުން ބުނެފައި ވަނީ "ކުންފުނީގެ މަތިންދާބޯޓަކަށް އެފަދަ ކަމެއް ވާން އުޅޭކަން އޭނާ އަށް އެނގޭ" ކަމަށެވެ.

އޭގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ ފާނެންޑޭޒްގެ ހަރަކާތްތަކާ އެމެރިކާގައި ހިނގި 11/9 ގެ ޓެރަރިސްޓް ހަމަލާ ތަކާ އެއްގޮތް ކަމެއް ހުރިކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ. އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް އެ ހަމަލާ އަމާޒުވުމުގެ ކުރިން ޔުނައިޓެޑް އާއި އެމެރިކަން އެއާލައިންސްގެ ހިއްސާތަކުގެ އަގު ވެއްޓެން އުޅޭ ކަމުގެ އަޑުތައް އެ ދުވަސްކޮޅު އެމެރިކާގެ ސްޓޮކް މާކެޓުގައި ޑީލް ކުރާ ފާރާތްތަކުގެ މެދުގައި ވަނީ ފެތުރިފަ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ގެއްލުނު އެއާ އޭޝިއާގެ މަތިންދާބޯޓު ކިއޫޒެޑް8501 ގެ ބައިތަކާއި އެ ބޯޓުން ދަތުރުކުރި ބައެއް ޕަސެންޖަރުންގެ ހަށިތައް މިހާރު ފެނިފައިވާ އިރު، ބޯޓުން ދަތުރުކުރި 162 މީހުން ވެސް މިހާރު ބެލެވިފައި ވަނީ މަރުވެފައިވާ ކަމަށެވެ.