03 Jan 2015, 11:32
އެމެރިކާގެ ފްލޮރިޑާގެ ކީވެސްޓުން އިލެނޯއީ ސްޓޭޓަށް ދަތުރު ކުރަމުންދިޔަ ކުޑަ މަތިންދާ ބޯޓެއް ވެއްޓި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން މަރުވެ، ފުރާނައަށް އެއްވެސް ގެއްލުމެއް ނުލިބި ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ސަލާމަތްވެއްޖެ އެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝާން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ، އެމެރިކާގެ ކެންޓަކީގެ ހުޅަނގުން ދެކުނަށް ދަތުރުކުރަމުން ދިޔަ ޕައިޕާ ޕީއޭ-34 މަރުކާޒުގެ ކުޑަ މަތިންދާ ބޯޓެއްގެ އިންޖީނު މައްސަލައެއް ޖެހުނު ކަމުގެ ރިޕޯޓެއް ލިބުނު ކަމަށެވެ. ނަމަވެސް އޭގެފަހުން މަތިންދާބޯޓާއި ޓްރެފިކް ކޮންޓްރޯލަރުންނާ ގުޅުން ކެނޑުނު ކަމަށް އެފްއޭއޭ އިން ބުނެ އެވެ.
ކެންޓަކީގެ ފުލުހުންގެ ސާޖަންޓް ޑީން ޕެޓާސަން ވިދާޅުވީ، ބޯޓާ ގުޅުން ކެނޑުނުތާ ގަޑިއިރެއް ފަހުން ކެންޓަކީގެ ލިޔޯން ކަންޓްރީގެ ގެޔަކުން ބޯޓެއް ވެއްޓުނު ކަމުގެ މައުލޫމާތެއް ލިބުނު ކަމަށެވެ. އަދި އެ އެކަން ރިޕޯޓް ކޮށްފައި ވަނީ ސަލާމަތްވި ކުޑަ ކުއްޖާގެ ކަމަށް ވެސް ވެއެވެ.
"ބޯޓު ވެއްޓުނު ސަރަހައްދުން އަމިއްލަ އަށް ނުކުމެެގެން އެ ކުއްޖާ ދިޔައީ ބޯޓު ވެއްޓުނު ސަރަހައްދާ އެންމެ ކައިރި ގެއަކަށް. ގޮސް ބޯޓު ވެއްޓުނު ކަމަށް ރިޕޯޓްކުރީ. ބޯޓުން ދަތުރުކުރި އެންމެން މަރުވެ، އެ ކުއްޖާ އެކަނި ސަލާމަތްވުމަކީ މުއުޖިޒާތެއް،" ސާޖަންޓް ޕެޓާސަން ވިދާޅުވެފައިވެ އެވެ.
ކެންޓަކީގެ ފުލުހުން ބުނީ، ފަސް މީހުންނާއެކު ދަތުރުކުރި އެ މަތިންދާބޯޓު ވެއްޓިފައި ވަނީ ކެންޓަކީގެ ކޯރެއް ކައިރީގައި އޮންނަ ގަސްގަނޑެއްގެ ތެރެއަށް ކަމަށެވެ. އަދި ބޯޓު ވެއްޓުނު ސަރަހައްދުން މަތިންދާބޯޓުގެ ޕައިލެޓާ އެކު ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.