05 Feb 2011, 09:22
ތާރީހީ ބޮޑު އިންތިހާބު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިއަދު ވިލިމާލޭގައި ވޯޓުލާން ފެށުނީ ވޯޓްލާން ފަށާ ގަޑިއަށްވުރެ 15 މިނެޓް ފަހުންނެވެ. ވިލިމާލޭގެ ދެފޮށީގެ އިސް އޮފިޝަލުން ވިދާޅުވީ ވޯޓުލާން ފެށުން ލަސްވެގެންދިޔައީ އިދާރީ ބައެއް މައްސަލަތައް ހުރުމުގެ ސަބަބުން ކަމަށެވެ.
ވިލިމާލޭގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ އެރަށުގައި ހުރި ދެ ފޮއްޓަށް ވެސް ވޯޓުލާން މިހާތަނަށް ގޮސްފައިވަނީ އުމުރުން ދޮށީ މީހުން ކަމަށާއި ޒުވާނަކު އެއް ގޮތަކަށް ވެސް މިހާތަނަށް ވޯޓުލާން އައިސްފައި ނުވާ ކަމަށެވެ.
"ޒުވާނަކު ނެތް ކަމުގައި ވިޔަސް އެކަށީގެންވާ ގިނަ އަދަދެއްގެ މީހުން ވޯޓް ކިޔޫގައު އެބަތިބި. މާ ބޮޑު މައްސަލަތަކެއް ކުރިމަތި ނުވެ ވޯޓުލުން ކުރިޔަށް އެބަދޭ،" ސަންގެ ނޫސްވެރިޔާ ބުންޏެވެ.
ގާނޫނު ބުނާ ގޮތުން ވޯޓުލާ މަރުކަޒުގައި އެދާއިރާއަށް ކުރި ނަމަމަތިލީ މީހުންގެ ނަން ލިސްޓް ވޯޓް ކަރުދާހުގައިވާ ގޮތަށް އާންމުކޮށް ފެންނާނެހެން ހާމަކޮށްފައި ހުންނަން ޖެހެ އެވެ. ނަމަވެސް ވިލިމާލޭ ދެ ފޮށީގެ ކައިރީގައި ވެސް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
އިންތިހާބު ފެށުމުގެ ކުރިން އިލެކްޝަނުން ބުނެފައި ވަނީ އެހާ ގިނަ އަދަދެއްގެ މީހުން ކުރިމަތިލާފައިވާ ވުމުން ގާނޫނު ބުނާ ގޮތަށް ހުރިހާ މައުލޫމާތެއް ހާމަކޮށް ބެހެއްޓުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
ވިލިމާލޭގައި ހުރި ދެ ފޮށިގެ ތެރެއިން ކޮންމެ ފޮއްޓަކަށް 500 އަށް ވުރެ ގިނަ މީހުން ވޯޓުލަ އެވެ.