މ. ނާލާފުއްޓާއި މުއްޔާ ދޭތެރެ ހިއްކައިގެން ގުޅާލުމަށް ދެ ރަށުގެ ކައުންސިލުން ރޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ދ. ކުޑަހުވަދޫ ކައުންސިލް އިދާރާގައި ބޭއްވި އެ ބައްދަލުވުމާ ގުޅޭ ގޮތުން މުލީ ކައުންސިލްގެ ރައީސް އަހުމަދު ނާފިޒު 'ސަން އަށް ވިދާޅުވީ ރޭ ދެ ރަށުގެ ކައުންސިލުގެ މެދުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އެ ދެރަށް ދޭތެރެ ހިއްކައިގެން ގުޅާލުމަށް އަމަލީ ގޮތުން ކުރެވިދާނެ ކަންތަށްތަކާ މެދު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މިހާރު މުލީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުގެ ކުރިން، މުއްޔާއި ނާލާފުށި އެއްގަމު މަގުން ގުޅާލުމަށް ހައުސިން މިނިސްޓްރީއާ އެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާލާފުށީގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ މުލީގައި ކަމަށާއި ކޮންމެ ދުވަހަކު ދަތުރުކުރަން ޖެހުމުން އެމީހުންނަށް ވެސް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ނާލާފުށީ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދަނީ މުލީގައި ކަމުން ކޮންމެ ދުވަހަކު 30 މިނެޓްގެ ދަތުރެއްކޮށް ސްކޫލަށް ކުދިން ފޮނުވުމަށް "ތަކުލީފު"ތަކެއް އުފުލަން ޖެހިފައިވާ ކަމަށް ނާފިޒު ވިދާޅުވި އެވެ.

"ކަނޑު ގަދަ ދުވަހަކު އެހާ އުނދަގޫ ދަތުރުކުރަން، އަނެއްކޮޅުން ފެރީ އޮއްނަނީ ހެނދުނާއި ހަވީރު، އޭގެ އިތުރުން އެކްސްޓްރާ ކްލާހަކަށް ދަންޏާ، އެ ކުދިން އަމިއްލަޔަށް ދޯނި ނުވަތަ ލޯންޗް ކުއްޔަށް ހިފަން މިޖެހެނީ،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއްޔާއި ނާލާފުށި އެއްގަމު މަގުން ގުޅާލުމާ މެދު ނާލާފުށީގެ ރައްޔިތުންގެ ހިޔާލު ހޯދާފައިވާ ކަމަށާއި އެ ރަށުގެ 98 ޕަސެންްޓް މީހުން އެކަމަށް ތާއީދު ކުރާ ކަމަށެވެ. އަދި މުލީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރިއައްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުއްޔާއި ނާލާފުއްޓަކީ އެއްފަޅެއްގައި އޮއްނަ ދެ ރަށެވެ.

މުލި - ނާލާފުށި އެއްގަމު މަގުން ގުޅާލުމަށް ދެ ކައުންސިލުގެ މެދުގައި ކުރިއަށް ދިޔަ ބައްދަލުވުމަށް ދ. ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން ދިން އެހީތެރިކަން ފާހަގަކޮށް ނާފިޒު ވަނީ އެފަރާތަށް ޝުކުރުއަދާކޮށްފަ އެވެ.