03 Jan 2015, 10:35
އައިޖީއެމްއެޗް ކައިރީގައި ހުންނަ ސައިހޮޓަލެއްގެ ތެރެއަށް ބަޔަކު ވަދެ ހިނގި މާރާމާރީއަކާ ގުޅިގެން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހަތަރު މީހުން ހައްޔަރުކުރީ ރޭ ގާތްގަނޑަކަށް 12:50 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެން އައިޖީއެމްއެޗް ކައިރީގައި ހުންނަ "މެމޯރިއަލް ކެފެޓީރިއާ" ނަމަކަށް ކިޔާ ސައި ހޮޓަލުގެ ތެރެއަށް ވަދެ ތަކެއްޗަށް ގެންލުންދީ މަރާމާރީ ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ކަމަށެވެ.
ނަމަވެސް އެ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހޮޓަލުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މީހުން ވަނީ އެތަނުގެ ތެރޭގައި ހުރި ގޮނޑިތައް މަގުމައްޗަށް އުކައިފަ އެވެ. އަދި އެ މާރާމާރީ ހިނގަން މެދުވެރިވީ ހައްޔަރުކުރި މީހުންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.