ލަންޑަން (ޖަނަވަރީ 3) : މިސްރުން ހައްޔަރުކޮށްފައިވާ އަލްޖަޒީރާގެ ތިން ނޫސްވެރިން މިނިވަން ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން މިސްރުގެ ސަރުކާރަށް އިލްތިމާސްކޮށްފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މިޖަމްއިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލްޖަޒީރާގެ ތިން ނޫސްވެރިއެއްގެ މައްޗަށް އަލުން ޝަރީޢަތް ހިންގުމަށް މިސްރުގެ ޝަރުޢީ ނިޒާމުން ނިންމި ނިންމުން ގަބޫލުނުކުރެވޭނެ ކަމަށާ މިއީ އެ ތިންނޫސްވެރިންގެ ވޭނާއި ކެކުޅުންތަކަށް އިތުރުވެގެންދާނެ ކަމެއް ކަމުގަ އެވެ. ދެ ހާސް ތޭރަ ވަނަ އަހަރު މިސްރުގެ ދައުލަތުން އަލްޖަޒީރާގެ ތިން ނޫސްވެރިން ހައްޔަރުކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ހިއްވަރު ލިބޭގޮތަށާއި މިސްރުގެ ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ޚަބަރު ފެތުރިކަމުގެ ކުށުގަ އެވެ.

ޓެރަރިސްޓުން ކަމަށް ސިފަކޮށްފައި ވަނީ މިސްރުގައި އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް ޑރ. މުޙައްމަދު މުރުސީއަށް ތާއީދުކުރާ މީހުންނަށާއި މުރުސީ ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށެވެ. މިސްރުގެ ވެރިކަމުގައި މިހާރު ހުންނެވީ މުރުސީގެ ވެރިކަން އަސްކަރީ އިންގިލާބެއްގައި ވައްޓާލި ހަރަކާތުގެ އިސްވެރިއަކަށް ހުންނެވި ކުރީގެ ޖެނެރަލް އަބްދު ފައްތާޙް އައްސީސީ އެވެ.

ގާރިހާގެ ކޯޓަކުންވަނީ މިތުހުމަތުތައް އެމީހުންގެ މައްޗަށް ސާބިތުވާ ކަމަށްބުނެ ދިގުމުއްދަތަކަށް ޖަލަށްލުމަށް މިދިޔަ އަހަރު ހުކުމްކޮށްފަ އެވެ. ނަމަވެސް މި ތިން ނޫސްވެރިންގެ މައްޗަށް އަލުން ޝަރީއަތް ހިންގުމަށް ނިންމާފައިވާކަން މިސްރުގެ ދައުލަތުގެ ވަކީލުންވެސްވަނީ ހާމަކުރައްވާފައެވެ. (އަލްޖަޒީރާ)