03 Jan 2015, 10:14
ރިޔާޟް (ޖަނަވަރީ 3) : ސައޫދީ ރަސްގެފާނު އަބްދުﷲ އަށް ނިއުމޯނިޔާ ޖެހިވަޑަގެންފައިވާކަން އެގައުމުގެ ރަސްކަމުގެ ދީވާނުން ހާމަކޮށްފި އެވެ.
ރަސްކަމުގެ ދީވާނާ ޙަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނި ގޮތުގައި ކިންގް އަބްދުލްއަޒީޒް މެޑިކަލް ސީޓީގައި ރަސްގެފާނު އެޑްމިޓް ކުރުމަށް ފަހު ހެދި ޓެސްޓްތަކުން އަބްދުﷲ އަށް ނިއުމޯނިޔާ ޖެހިވަޑަގެންފައިވާކަން ޑޮކްޓަރުން ބަޔާން ކުރާ ކަމަށާއި އެކަމަށް އަބްދުﷲ ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމުގަ އެވެ. އުމުރުފުޅުން 90 އަހަރުގެ އަބްދުﷲ ރަސްގެފާނު މިދިޔަ ބުދަ ދުވަހު ކިންގް އަބްދުލްއަޒީޒް މެޑިކަލް ސީޓީގައި އެޑްމިޓްކުރީ ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ޝައްކު ކުރެވިގެން ޓެސްޓްތަކެއް ހެދުމަށް ޑޮކްޓަރުން ލަފާދިނުމާ ގުޅިގެންނެވެ.
ސައޫދީ ރަސްކަމުގެ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަބްދުﷲގެ ހާލުކޮޅު އިތުރަށް ދަށަށްނުދާ ކަމަށާއި ހަމައަކަށް އެޅިފައިވާ ކަމުގަ އެވެ. ނަމަވެސް އަބްދުﷲ ރަސްގެފާނު ނޭވާ ލައްވަނީ ސިނާޢީ އޮކްސިޖަން ހޮޅިއެއްގެ އެހީގައި ކަމުގަ އެވެ. ވިރާޘީ އާއިލީ ރަސްކަމުގެ ނިޒާމެއް އޮންނަ ސައޫދީ އަރަބިޔާގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބަވަނީ އެގައުމުގެ ރަސްކަމުގެ ބާނީ އަބްދުލްއަޒީޒް އާލް ސުއޫދުގެ އުފަން ދަރިންނާއި ކާފަދަރިންނެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންގެ އުމުރު މައްޗަށް ގޮސް މުސްކުޅި ވެފައިވުުމުގެ އިތުރުން ގިނަ ބޭފުޅުންގެ ސިއްޙީ މައްސަލަތައް ބޮޑުވެފައި އާލާސްކަންފުޅުގައި ގިނައިން އުޅުއްވަން ޖެހިވަޑައިގެންފައިވެ އެވެ.
އަބްދުﷲ ރަސްގެފާނު ރަސްކަމުގައި ހުންނެވި ނަމަވެސް ރަސްކަމުގެ ނިޒާމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އިސްކޮށް އުޅުއްވަނީ ވަލީއުލްއަހްދު އުމުރުން 77 އަހަރުގެ ސަލްމާން ބިންއަބްދުލްއަޒީޒެވެ. އޭނާއަކީ ވެސް ވަރަށް ގިނައިން އާލާސްކަންފުޅުގައި އުޅުއްވާ ބޭފުޅެކެވެ. އަބްދުﷲ އަވަހާރަވެއްޖެ ނަމަ ރަސްކަން ލިބިވަޑައިގަންނަވާނީ ސަލްމާނަށެވެ. ސައޫދީ ވިރާޘީ ރަސްކަމުގެ ނިޒާމަށް ގޮންޖެހުންތައް ކުރިމަތި ވާނީ އަބްދުލްއަޒީޒް އާލް ސުއޫދުގެ އުފަންދަރިންނަށް ފަހު ދެން ރަސްކަމަށް ބައިއަތު ހިފާނެ ބޭފުޅަކު ކަނޑައަޅާ ހިސާބުން ކަމަށާއި ސައޫދީ ރަސްކަމުގެ ނިޒާމަށް ލޮޅުން އެރުމުގެ ފުރްސަތު ބޮޑުކަމަށް މުޙައްލިލުން ދެކެއެވެ. ނޫސްއެޖެންސީތައް)