03 Jan 2015, 10:16
މުނިފޫހިފިލުވުމުގެ ކަންތައްތައް ކުރަން ޖެހޭނީ ދީނީ އަދި އިޖުތިމާއީ އިންތަކުން ބޭރު ނުވާ ގޮތަށް ކަމަށް އަދާލަތު ޕާޓީ އިން ބުނެފި އެވެ.
އެޕާޓީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މީގެ ކުރީގައި ދިވެހިން އަބަދުވެސް ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކުގައި ހިފަހައްޓައިފައި ކަމަށެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް ބައެއް ފަރާތްތަކުން އިންތިޒާމްކޮށްގެން ހިންގާ ކަންކަމުގައި އިސްލާމީ ރިވެތި އަދަބާއި އަހުލާގާއި މުޖުތަމައު ބަލައިނުގަންނަ ފާހިޝް މަންޒަރުތަކާއި ހަރަކާތްތައް އާންމުވަމުންދިއުމަކީ އެ ޕާޓީ އިން ކަންބޮޑުވާ ކަމެއް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ. ގައުމުގެ މުސްތަގުބަލުގައި ޒުވާނުންނަށް ރިވެތި މަގަށް މަގުދައްކާ ޒުވާނުން އިސްލާމީ އަހުލާގުން ޒީނަތްތެރި ކުރުވުމަކީ މިއަދުގެ ބޮޑެތި މީހުންގެ ޒިންމާއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކަކީ ކޮންމެ މުޖުތަމައުއެއްގައި ވެސް އޮންނަން ޖެހޭ ކަމެކެވެ. ނަމަވެސް މިކަންކަން ހިންގަން ވާނީ ދީނީ އަދި އިޖުތިމާއީ މިންގަނޑުން ބޭރު ނުވާ ގޮތަށެވެ. މުނިފޫހިފިލުވުމާއި އެހެނިހެން ވެސް ނަންނަމުގައި ޒުވާނުންނަށް ދުނިޔެއާއި އަދި އާހިރަތުގައި ދެރައެއް ލިބޭ ގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާ ނަމަ މިޕާޓީ އިން އެކަމަށް ތަރުހީބު ނުދޭނެ ވާހަކަ އެންމެހާ ދިވެހި ރައްޔިތުންނަށް އަދި ހާއްސަކޮށް ގައުމުގެ ޒުވާނުންނަށް ޔަގީންކަމާއެކު ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ ޒުވާނުންނަށް ހެޔޮއެދޭ ފަރާތްތަކުން ޒުވާނުންގެ ހެވާއި ލާބައަށް މަަސައްކަތް ކުރަންވާނީ އިހުލާސްތެރިކަމާ އެކު ކަމަށެވެ. އޭގެ ބަދަލުގައި ކުޅިވަރާއި މަޖަލުގައި އެމީހުންގެ ހުރިހާ ވަގުތެއް ހޭދަވެ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެންދާ ގޮތަށް ކަންތައްތައް ފަހިވެގެން ދިއުމަކީ ޒުވާނުންގެ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެފަދަ ގޮތެއްގެ މަތީގައި ތަރުބިއްޔަތު ވެގެންދާ ޒުވާނުން ހިމެނިގެންދާނީ އެމީހުންގެ އާއިލާއާ އަދި ގައުމަށް ވެސް އެބައެއްގެ ކިބައިން ފައިދާއެއް ނެތް ބައެއްގެ ގޮތުގައި ކަމަށާއި އަދި އެކަމަކީ ދިވެހިންގެ މުޖުތަމައުއިން މިއަދު ފެންނަން އޮތް ހިތި ހަގީގަތެއް ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
އަދާލަތު ޕާޓީ އިން މިހެން ބުނެފައިވާއިރު ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ ގައި ބައިވެރިވުމަށް ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އައުމަށް ނިންމާފައިވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ދިޔައީ އަމާޒުވަމުންނެވެ.