03 Jan 2015, 09:58
ތުރުކީގެ ސިޓީއެއްގައި ސަރުކާރު އޮފީސްތަކުގެ ފުރަތަމަ ތިން ފަންގިފިލާ އަށް ލިފްޓުން އެރުން މަނާކޮށްފި އެވެ.
ޑެއިލީ ސަބާހް ނޫހާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، ތުރުކީގެ ސިޓީއެއް ކަމަށްވާ އެޑީންގެ ހުޅަނގު ޕްރޮވިންސް ގައި އެގޮތަށް ނިންމީ ފަލަވުމާ ދެކޮޅަށް ކުރާ ކެމްޕެއިނެއްގެ ދަށުން މީހުން ސިޑި ބޭނުންކުރުމަށް ބާރު އެޅުވުމަށް ކަމަށެވެ.
އެ ނިންމުމުގެ ދަށުން ލިފްޓް ބޭނުންކުރުމުގެ ހުއްދަ ހަމައެކަނި ދީފައިވަނީ ހޮސްޕިޓަލްތަކާ ހާއްސަ އެހީދޭ މަރުކަޒުތަކުގެ އިތުރުން ސިއްހީ ހާލަތު ހުރި ގޮތުން ސިޑި ބޭނުންނުކުރެވޭ މީހުންނަށެވެ. އަދި އެ ނިންމުމަށް އަމަލުކުރޭތޯ ބެލުމަށް ލިފްޓް ސުޕަވައިޒަރުން ހަރަކާތްތެރިވާނެ އެވެ.
"ލިފްޓުގެ ބަދަލުގައި ސިޑި ބޭނުން ކުރުމުން ހަޔާތައް އެއް ދުވަސް އިތުރު ވެގެންދާނެ. މިކަމަކީ ރަނގަޅު ސިއްހަތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށްދާ ކަމެއް. އަދި މިކަމުގެ ސަބަބުން ކަރަންޓް ހަރަދު ވެސް ކުޑަވެގެންދާނެ،" އެޑީންގެ ހުޅަނގު ޕްރޮވިންސްގެ ގަވަރުނަރު ދުރުސުން އަލީ ސާހިން ވިދާޅުވެފައިވާ ކަމަށް ޑެއިލީ ސަބާހް ނޫހުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ޕްރައިވެޓް އިމާރާތްތަކުގައި ވެސް ލިފްޓް ބޭނުން މަނާކުރެވޭނެ ކަމަށް ގަވަރުނަރު ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ އޮފީސްތަކުގެ ފުރަތަމަ ތިން ބުރިއަށް ލިފްޓް ބޭނުން ކުރުން މަނާކޮށްފައިވާއިރު، އެ ޕްރޮވިންސްގައި މިދިޔަ އަހަރު ވަނީ ކޮފީ ޝޮޕްތަކުންދޭ ސަޔަށް ދެ ކިއުބް ހަކުރުގެ އެޅުން މަނާކޮށް، އެއް ކިއުބް ހަކުރު ބޭނުން ކުރުމަށް އަންގާފަ އެވެ.