03 Jan 2015, 00:06
ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު ލެޑް ޑިސްޕްލޭ ބޭނުންކޮށްގެން އާ އަހަރު ފާހަގަކުރުމަށް ދުނިޔޭގެ އެންމެ އުސް ޓަވަރު އަދި ދުބާއީގެ މަޝްހޫރު ބުރުޖު ޚަލީފާގައި ބޭއްވި ހަރަކާތް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ލެޑް ޑިސްޕްލޭގެ ރިކޯޑް ބުރުޖު ޚަލީފާ އިން ހޯދާފައި ވަނީ، އެ އިމާރާތުގައި ހަރުކުރި 70،000 ލެޑް ޑިސްޕްލޭއާއެކު އެވެ. އެ ރިކޯޑް ކުރިން އޮތީ އިންޑޮނޭޝިޔާގެ މޯލް ތަމަން އާންގްރެކްގަ އެވެ.
ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑުތަކަށް ބަލާއިރު، ދުބާއީ އިން ވަނީ ދުނިޔޭގައި އެންެމެ ބޮޑު ބަޑި ބޭހުގެ ހަރަކާތް ކުރިއަށްގެންދިޔަ ކަމުގެ ރިކޯޑް މިދިޔަ އަހަރު ހޯދާފަ އެވެ.
https://www.youtube.com/watch?v=Ti5nmiNtb4A&list=UUuyiRRgNobUdBqKBJ-ItyTw#t=282
އާ އަހަރު ފާހަގަކުރުމަށް ބުރުޖު ޚަލީފާގައި ބޭއްވި އެ ހަރަކާތުގައި 70،000 ލެޑް ބޮކި ބޭނުންކޮށްފައިވާއިރު، އެ ޑިސްޕްލޭތައް ގުޅުވުމަށް 55،000 މީޓަރުގެ ކޭބަލް ބޭނުންކޮށްފައިވެ އެވެ. އަދި ހަވާއެރުވުމުގެ ހަރަކާތްތަކަށް 4.7 ޓަނުގެ ބަޑި ބޭސް ބޭނުންކޮށްފައިވާއިރު، މުޅި ހަރަކާތް އިންތިޒާމު ކުރުމުގައި 200 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެފައިވެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް އާދަޔާ ޚިލާފު ކުރިއެރިގޮތް ކުރުގޮތަކަށް ވީޑިޔޯއިންނާއި ފޮޓޯއިން ދައްކާލި އެ ހަރަކާތް ވެފައި ވަނީ ދުނިޔޭގެ އެންމެ ގިނަ މީހުން ބެލި އެއް ހަރަކާތައް ވެސް ވެފައެވެ. އެގޮތުން، އެ ހަރަކާތް ޔޫޓިއުބުގައި ލައިވް ސްޓްރީމް ކޮށްފައިވާއިރު، ދުނިޔޭގެ ބޮޑެތި ޗެނަލްތަކުން ވެސް ވަނީ އެ ހަރަކާތުގެ ލައިވް ފީޑް ގެނެސްދީފަ އެވެ.