ވޭތުވެދިޔަ 17 އަހަރު ލިވަޕޫލްގައި ހޭދަކުރި އެ ޓީމްގެ ކެޕްޓަން ސްޓީވަން ޖެރާޑް ލިވަޕޫލް ދޫކޮށްލަ ނިންމައިފިކަން ޔަގީން ކޮށްދީފިއެވެ.

މި ސީޒަނަށްފަހު ޖެރާޑް ދެން ލިވަޕޫލުން ނުފެންނާނެކަމަށް އޭނާ ޔަގީންކޮށްދިނީ މިއަދު އެވެ. އޭނާ ބުނި ގޮތުގައި ލިވަޕޫލް ދޫކޮށްލަން ނިންމި ނިންމުމަކީ ހަޔާތުގައިވެސް އޭނާ ނިންމި އެންމެ އުނަދަގޫ ނިންމުމެވެ. އެ ނިންމުން ނިންމަން ވިސްނީ ގިނަ ދުވަސްތަކެއްވަންދެން އާއިލާ އާއެކީ އެކަމާ މެދު މަޝަވަރާ ކުރުމަށްފަހު ކަމަށް ޖެރާޑު ބުންޏެވެ.

"މިއީ އަހަރެންގެ ހަޔާތުގައިވެސް އަހަރެން ނިންމި އެންމެ އުނދަގޫ ނިންމުން. މިކަން ކުރަން ނިންމީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން މިކަމާ ދޭތެރޭ ވިސްނާފަ. އަދި މި ނިންމުން ނިންމީ އަހަރެންގެ އާއިލާ އާއެކީ މިކަމާމެދު ވަރަށް ފުންކޮށް ވިސްނާފައި،" ޖެރާޑް ބުންޏެވެ.

ޖެރާޑު ބުނީ އޭނާ ލިވަޕޫލް ދޫކޮށްލަން ނިންމިކަމުގައިވިޔަސް އެ ކްލަބާ ވާދަވެރި އެހެން ކަލްބަކަށް އޭނާ ނުކުޅޭނެ ކަމަށާއި، ލިވަޕޫލާ ދެކޮޅަށް އެހެން ޓީމެއްގައި ވާދަކުރުމަކީ އޭނާއަށް ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ވާދަވެރި ކްލަބަކަށް ކުޅޭކަށް ނުވިސްނަން. އެހެންކަމުން އެހެން ޓީމެއްގައި ހުރެ ލިވަޕޫލާ ދެކޮޅަށް އަހަރެން ކުޅޭ ތަނެއް ނުފެންނާނެ. މި ނިންމުން އަހަރެން ނިންމި ހަމައެކަނި ސަބަބަކީ ހަޔާތުގައި އެހެން ކަމެއް ތަޖުރިބާކޮށްލުން. އަދި އަހަރެންގެ ކެރިއާ ނިންމާލާ ހިސާބަށް ދާއިރު ފަހުން ދެރަވާނެ ފަދަ އެއްވެސް ކަމެއް އަހަރެން ކުރާކަށް ބޭނުމެއް ނޫން،" ޖެރާޑް ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލް ދޫކޮށްލަން ވިސްނިއަސް މިހިސާބުން ފެށިގެން ސީޒަންގެ އެންމެ ފަހު މެޗާ ހަމައަށްވެސް އެ ކްލަބުގައި އެންމެ ފުރިހަމަ ކުޅުން ދައްކާނެ ކަމަށާއި، މި ސީޒަންގައި ލިވަޕޫލަށް ކާމިޔާބީތައް ހޯދައިދިނުމަށް އޭނާ ގަދައަޅައި މަސައްކަތް ކުރާނެ ކަމަށެވެ.

މިހާރު އުމުރުން 34 އަހަރު ވެފައިވާ ޖެރާޑް ލިވަޕޫލް ދޫކޮށްލާކަން މިހާރު ޔަގީންވެފައި ވާއިރު، އަޑުތައް ފެތުރިފައިވާ ގޮތުގައި މިފަހަރުގެ އިނގިރޭސި ސީޒަން ނިމުމަށްފަހު ދެން އޭނާ ބަދަލުވާން ވިސްނާފައި ވަނީ އެމެރިކާގެ މަތީ ފަންތީގެ ކްލަބަކަށެވެ. އޭނާގެ އެ ނިންމުމާއެކު އެ ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އޭނާއާ ބެހޭގޮތުން ޚިޔާލުތައް ފާޅުކޮށްފައެވެ.

"ޖެރާޑްއަކީ ލިވަޕޫލަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން އެއީ ބަހަކުން ބުނެވޭނެ އެއްޗެއް ނޫން. މި ޒަމާނަކީ މީހަކު އެއީ "ލެޖެންޑް" އެކޭ ވަރަށް ގިނައިން ބުނެއުޅޭ ޒަމާނެއް. ނަމަވެސް ޖެރާޑަކީ ލިވަޕޫލްގައި "ލެޖެންޑް" އަކަށްވުރެވެސް މަތީ މަގާމެއް ހޯދާފައިވާ ކުޅުންތެރިއެއް،" ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާސް ބުންޏެވެ.

"ޖެރާޑަކީ އަހަރެންގެ އެއް ނަންބަރު ކުޅުންތެރިޔާ. އަދި އޭނާ އަބަދުވެސް ވާނީ އަހަރެންގެ އެއް ނަންބަރު ކުޅުންތެރިޔާއަށް،" އެ ޓީމްގެ ސްޓްރައިކަރު ރިކީ ލޭމްބާޓް ބުންޏެވެ. ކުޑައިރުން ފެށިގެން ލިވަޕޫލަށް ސަޕޯޓު ކުރަމުން އަންނަ ރިކީ ޖެރާޑްއަށް ދީފައިވާ ނަމަކީ "މިސްޓާ ލިވަޕޫލް" އެވެ.

އޭނާގެ ޔޫތު ކެރިއާ 1987 ވަނަ އަހަރު ލިވަޕޫލުން ފެށި ޖެރާޑް އެ ކަލްބްގެ ސީނިއާ ޓީމަށް ކުޅެދޭން ފެށީ 1998 ވަނަ އަަހަރު އެވެ. އޭނާ މިހާތަނަށް އެ ކްލަބަށް 695 މެޗު ކުޅެދީފައި ވާއިރު، އޭނާ ވަނީ އެ ކްލަބަށް 180 ލަނޑު ކާމިޔާބުކޮށްދީފައެވެ. 2003 ވަނަ އަހަރުން ފެށިގެން އެ ކަލްބްގެ ކެޕްޓަންކަން ކުރަމުން އައި ޖެރާޑް އެ ކްލަބާއެކު ހުރިހާ މުބާރާތަކުން މުޅިއަކު 10 ތަށި އުފުލާލާފައި ވާއިރު، އޭނާ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 114 މެޗު ކުޅެދީ، 21 ލަނޑު ކާމިޔާބު ކޮށްދީފައެވެ.