ދ. މީދޫގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެ މީހުންނަކީވެސް ދެ ދިވެހިން ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ތިން ފުލުހުން ވެސް ވަނީ ދ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދާފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ 12:00 އެހައިކަންހާއިރު މީދޫގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުޙުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން އިއްޔެ އިރުއޮއްސި 6:30 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރުމަށް 15 ދުވަހުގެ މުއްދަތެެއް ވަނީ ދީފައެވެ.

އެ މައްސަލަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.