02 Jan 2015, 20:33
އާ ގާނޫނުލް އުގޫބާތަށް ދީނީ އިލްމުވެރިން ފާޑުކިޔަން ފެށުމުން، ރައްޔިތުންގެ މަޖިލީހުން ގާނޫނުލް އުގޫބާތަށް އިތުރު ކުރި ހައްދު ގާއިމް ކުރުމުގެ މާއްދާ އިސްލާހު ކުރަން ޖެހޭ ކަމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުގެ ލީގަލް ސެކްޓާ ރިސޯސް ސެންޓަރު (އެލްއެސްއާރްސީ) އިން ބުނެފި އެވެ.
މި އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އަމަލު ކުރަން ފަށާ އާ ގާނޫނުލް އުގޫބާތުގައި ހައްދު ގާއިމް ކުރުމަށް ބަޔާންކޮށްފައިވާ މާއްދާގައި ބުނެފައި ވަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން "މި ގާނޫނާއި ގުރުއާނުގައި" ކަނޑައެޅިފައިވާ އުގޫބާތް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ.
އެލްއެސްއާރްސީގެ ލީގަލް ކޮންސަލްޓަންޓް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް "ސަން"އަށް މިރޭ ވިދާޅުވީ އެ މާއްދާ އެގޮތަށް އޮތުމުން ކުށް ކުރާ މީހާއަށް ދެ އަދަބު ދޭން ޖެހިދާނެ ކަމަށެވެ. އެ މާއްދާގައި ބުނާ ގޮތުން ހައްދު ކަނޑައަޅާފައިވާ ކުށެއް ކުރި މީހަކަށް އެންމެ ފުރަތަމަ އަދަބު ދޭން ޖެހޭނީ ގާނޫނުގައިވާ ގޮތަށް ކަމަށާއި އޭގެ ފަހުން ގުރުއާނުގައި ކަނޑައަޅާފައިވާ ގޮތަށް އަދަބު ދޭންޖެހޭނެ ކަމަށެވެ.
"ގުރުއާނުގައި ހައްދު ކަނޑައެޅިފައި ވަނީ ހަތަރު ކުށަކަށް. އެ ކުށުގެ އަދަބުތައް ވެސް މި ގާނޫނުލް އުގޫބާތުގައި ކަނޑައެޅިފައި އެބަ އޮތް. ނަމަވެސް އެ މާއްދާގެ ސަބަބުން ގާނޫނުގައިވާ އަދަބު ދީފައި އަނެއްކާ ދާން މި ދެހެނީ ގުރުއާނުގައިވާ އަދަބަށް،" ޝަމީމް ވިދާޅުވި އެވެ.
ގުރުއާނުގައި ހައްދު ކަނޑައަޅާފައި ވަނީ މީހުން މެރުމާއި ޒިނޭ ކުރުމާއި ހިރާބާއި ވައްކަމަށެވެ. ނަމަވެސް ރަޖަމު ކުރުމާއި މުރުތައްދުވުމުގެ އަދަބުތައް ގުރުއާނުން ސާބިތުވާކަށް ނެތެވެ.
އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށުމުގެ ކުރިން އެޓާނީ ޖެނަރަލް އޮފީހުގެ ދަށުން ހިންގަމުން އަންނަ އެލްއެސްއާރްސީ ދަނީ އެ ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އާ ގާނޫނުލް އުގޫބާތަށް ދިހަ ވަރަކަށް އިސްލާހު ގެންނަން ޖެހެ އެވެ. އަދި މި އަހަރަށް މަޖިލިސް ހުޅުވުމާ އެކު އެ އިސްލާހުތައް މަޖިލީހަށް ފޮނުވުމަށް އެޓާނީ ޖެނަރަލް މުހައްމަދު އަނިލަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އާ ގާނޫނުލް އުގޫބާތުގައި ގިސާސް ހިފުމަށާއި ޒިނޭގެ ހައްދު ގާއިމް ކުރުމަށާއި ގަޒުފުގެ ހައްދު ގާއިމް ކުރުމަށް މާއްދާތަކެއް ކަނޑައަޅާފައިވެ އެވެ. ކައްފާރާގެ އުސޫލު ވެސް އާ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވެ އެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އާ ގާނޫނުލް އުގޫބާތު މަޖިލީހުން ދިރާސާ ކުރަމުންދިޔަ އިރު، ޖަމިއްޔަތުއް ސަލަފުންނާއި އަދާލަތު ޕާޓީގެ އިތުރުން ދީނީ އިލްމުވެރިން އެ ބިލަށް ފާޑުކިޔަން ފެށުމުން، ކޮމެޓީން އިތުރުކޮށްފައި ވަނީ 1205 ވަނަ މާއްދާ އެވެ.
އެ މާއްދާގައި ބުނެފައި ވަނީ "ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން 'މި ގާނޫނާއި ގުރުއާނުގައި' ކަނޑައެޅިފައިވާ އުގޫބާތް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ.
ކޮމެޓީގެ މެމްބަރުން އޭރު ވިދާޅުވީ އެ މާއްދާގެ ސަބަބުން ވައްކަން ކުރާ މީހުންގެ އަތް ކެނޑޭނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ވައްކަމުގެ ހައްދު ގުރުއާނުގައި ކަނޑައަޅާފައިވާތީ ކަމަށް ކޮމެޓީގެ މެމްބަރުން ވިދާޅުވި އެވެ.