02 Jan 2015, 20:21
ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކު ޒަޚަމްވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު އިރުއޮއްސި 6:00 އެހައިކަންހާއިރު ހުޅުމާލޭ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުން ވަގުތުން ހުޅުމާލޭ ގެންގޮސް ފަރުވާދޭން ފެށިކަމަށެވެ.
އެކްސިޑެންޓު ހިނގިއިރު އެއް ސައިކަލްގައި އަންހެން ކުއްޖަކާއި ފިރިހެނަކު ތިބިއިރު ދެވަނަ ސައިކަލްގައި ތިބީ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާ އައިޖީއެމްއެޗަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި އަންހެން ކުއްޖާ އިން ސައިކަލް ދުއްވި ފިރިހެން މީހާއާއި ދެ ވަނަ ސައިކަލްގައި ތިބި ދެ މީހުންނަށް ފަރުވާދިނުމަށްފަހު ހުޅުމާލޭ ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.