މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް ކަލަބަށް ކުޅެދިން ރާއްޖޭގެ ގައުމީ ޓީމްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މިޔަންމާގެ ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ ކަންބައުޒާ ފުޓްބޯލް ކަލްބަށް މިއަދު ސޮއި ކޮށްފިއެވެ.

ބަކާ ބުނީ އޭނާ މިޔަންމާގެ އެ ކްލަބަށް ސޮއިކުރަން ނިންމީ އެ ފުރުސަތަކީ އޭނާގެ ކުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ލިބޭ ފުރުސަތަކަށް ވާތީ ކަމަށެވެ. އަދި އެ ކްލަބުން އޭނާއަށް ހުށައެޅި އޮފާއަކީ ވަރަށް ރަނގަޅު އޮފާއެއް ކަމަށް ވެސް ބަކާ ބުންޏެވެ.

"އެ ކްލަބުން ހުށައެޅީ ވަރަށް ރަނގަޅު އޮފާއެއް. އަދި ބޭރު ކްލަބެއްގައި ކުޅެލަން ލިބޭ މި ފުރުސަތަކީ އަހަރެންގެ ކުޅުމުގެ ފެންވަރު ރަނގަޅު ކުރަން އަހަންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ބަކާ ބުންޏެވެ.

ބަކާ ބުނީ އޭނާ ބޭރުގެ ކްލަބަކަށް ކުޅުނަސް ރާއްޖޭގެ ގައުމީ ޓީމުން ކުޅެން ފުރުސަތު ލިބިއްޖެނަމަ ގައުމީ ޓީމަށް ވެސް ކުޅެދޭނެ ކަމަށާއި، ރާއްޖޭގެ ގައުމީ ޓީމަށް ކުޅުމަކީ އަބަދުވެސް އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި އޭގެ އިތުރުން ބޭރުގެ ކްލަބުތަކަށް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިންނަށް ވަނީ ހުޅުވާލެވިފައި ކަމަށާއި، އެ ފުރުސަތުގެ ބޭނުން ރާއްޖޭގެ ކުޅުންތެރިން ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ބަކާ ބުންޏެވެ.

ބަކާ މިޔަންމާގެ ކްލަބަކަށް ސޮއިކުރިކަން މާޒިޔާއިންވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

ސަން' އަށް މައުލޫމާތު ދެމުން އެ ކްލަބުގެ އޮފިޝަލަކު މިއަދު ވިދާޅިވީ ބަކާ މިޔަންމާގެ ކްލަބަކަށް ސޮއިކުރިނަމަވެސް ކްލަބަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

އުމުރުން 29 އަހަރުގެ ބަކާ މާޒިޔާއަށް ސޮއިކުރީ މިދިޔަ އަހަރު އެވެ. އޭގެ ކުރިން އޭނާ ނިއުރޭޑިއެންޓް ސްޕޯޓްސް ކަލްބަށާއި ވެލެންސިޔާ އާއި ވީބީ އާއި ވިކްޓްރީ އަދި އީގަލްސް އަށްވެސް ކުޅެދީފައި ވާއިރު، 2008 ވަނަ އަހަރުން ފެށިގެން ބަކާ އަންނަނީ ރާއްޖޭގެ ގައުމީ ޓީމުގެ މިޑްފީލްޑަރެއްގެ މަގާމް އަދާ ކުރަމުންނެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް 24 މެޗު ކުޅެދީފައި ވާއިރު، އޭނާ ވަނީ ގައުމީ ޓީމަށް ތިން ލަނޑު ކާމިޔާބު ކޮށްީފައެވެ.

ބަކާ ސޮއިކުރި މިޔަންމާގެ ޕްރިމިއާ ލީގް ކަލްބް ކަންބައުޒާ އެފްސީ އަކީ 2013 ވަނަ އަހަރު މެލޭޝިއަން ފުޓްބޯލް ފެޑަރޭޝަން ކަޕް މުބާރާތުގެ ޗެންޕިއަންކަން ހޯދި ޓީމެވެ. އަދި 2012 ވަނަ އަހަރު އެ މުބާރާތުގެ ރަނަރަޕްގެ މަގާމް އެ ޓީމް ހޯދިއިރު، އެ ފަހަރު މިޔަންމާގެ ނެޝަނަލް ލީގުގެ ރަނަރަޕް ކަންވެސް އެ ޓީމް ވަނީ ހޯދާފައެވެ.