ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު ވޮލީބޯޅަ މުބާރާތުގެ ޗެންޕިއަންކަން އިހަވަންދޫ ކްލަބް ޕޯލް ސްޓާ ހޯދައިފި އެވެ.

އެ ކްލަބުން މުބާރާތުގެ ޗެންޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި މުރައިދޫ އަންހެނުންގެ ގުޅުމާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ޕޯލްސްޓާ ކާމިޔާބު ކުރީ 16-25 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ވެސް ޕޯލްސްޓާ ކާމިޔާބު ކުރީ 17-25 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އެ މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލް މެޗުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އިހަވަންދޫ ކްލަބް ޕޯލްސްޓާގެ ފާތިމަތު ޝަނީޒާ އެވެ. އަދި އެ މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫ ބެލެނިވެރިންގެ ގުޅުމުގެ އައިމިނަތު އަރީޝާ އެވެ.

އެ މުބާރާތުގެ އެންމެ މޮޅު ސްޓައިކަރަކަށް ހޮވުނީ މުރައިދޫ ޓީމްގެ ފާތިމަތު ސަމާ އެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް އިހަވަންދޫ ޓީމްގެ އައިޝަތު ޝިފްލާ ހޮވުނުިއިރު، އެ މުބާރާތުގެ އެންމެ މޮޅު ޑިގަރަކަށް ހޮވުނީ ދިއްދޫ ޓީންއޭޖް ބޯއިސްގެ އައިޝަތު ޝިޔާމާ އެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ލިބެރޯއަކަށް ހަނިމާދޫ ބެލެނިވެރިންގެ ގުޅުމުގެ އައިމިނަތު ފަޒްލާ ހޮވުނުއިރު، އެ މުބާރާތުގެ އެންމެ މޮޅު ސާވަރަކަށް ހޮވުނީ މުރައިދޫ ޓީމްގެ ޝުވައިބަތު ހުސެއިނެވެ.

މުޅި މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އިހަވަންދޫ ޓީމްގެ ފާތިމަތު ތޮހޫރާ އެވެ. އަދި އެ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ދިއްދޫ ޓީންއޭޖް ބޯއިސް ހޮވުނުއިރު، އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިހަވަންދޫ ޓީމްގެ ކޯޗް މޫސާ މާހިރު އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހަނިމާދޫގައި ކުރިއަށް ގެންދިޔަ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ވޮލީބޯޅަ މުބާރާތަކީ ހއ. އަދި ހދ. ގެ އަތޮޅުތަކަށް ހުޅުވާލައިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އެ މުބާރާތުގައި އެ ދެ އަތޮޅުން މުޅިއަކު 10 ޓީމް ބައިވެރިވިއިރު، އެ މުބާރާތް ކުރިއަށް ގެންދިޔައީ ގްރޫޕް އުސޫލުން ޓީމްތައްދެ ގްރޫޕަކަށް ބަހައިލައިން ނެވެ.