02 Jan 2015, 16:28
އައިޕެޑެއް ވަގަށް ނަގައިގެން ފިލަން ދުވި 30 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ މަސައްކަތުން އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަންނު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުންނަށް، މިއަދު ހެނދުނު 9:15 ހާއިރު މިރިޔާސް މަގުން މީހަކު ދުވެފައި ދާތަން ފެނުމުން އޭނާގެ އަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ދުވެފައި ދިޔަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ އައިޕެޑެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މިހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 47 ފަހަރު ހުއްޓުވާ ސުވާލުކޮށް ނުވަ ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތިން ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.