02 Jan 2015, 16:20
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ރަންދިހަފަހެއް ނޫޓުގެ ޑިޒައިން ހުށަހެޅުމަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި 28 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅައިފަވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭއިން އެންމެ ފަހުން ރަން ދިހަފަހަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ސުންގަޑިއަކީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ 10:00 އަށެވެ. މީގެ ކުރިން އެމްއެމްއޭއިން ސުންގަޑި އަށް ދީފައި ވަނީ 31 ޑިސެމްބަރުގެ 6:00 އަށެވެ.
"ރަންދިހަ ފަހެއް" ސީރީޒްގެ ނަމުގައި ނެރުމަށް ނިންމާފައިވާ ދިވެހި ރުފިޔާގެ ނޫޓް ސެޓް ޑިޒައިންކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އާންމުންނަށެވެ. އަދި ދިވެހި ރުފިޔާގެ އެ ނޫޓް ސެޓްގައި މުޅިންއާ އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް ހިމެނޭނެ ކަމަށާއި މިހާރު ބޭނުން ކުރާ ނޫޓްތަކުގައި ހުންނަ ޑިޒައިންގެ ބަދަލުގައި އެ ނޫޓްތަކުގައި ހުންނާނީ މުޅިން އާ ޑިޒައިނެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.
ނޫޓްސެޓް ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ އިރު އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށަހަޅާ ފަރާތަކަށް، 400،000 ރުފިޔާ ދޭން އެމްއެމްއޭ އިން ވަނީ ނިންމާފަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މުޅިން އާ ނޫޓް ސެޓެއް ނެރެން ނިންމީ، ދިވެހި ރުފިޔާގެ ނޫޓުތަކުގައި ހިމެނޭ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވެން އޮތީ މިހާރު ގެންގުޅޭ ނޫޓްގެ ބަދަލުގައި މުޅިން އާ ނޫޓްތަކެއް ތަފާތު ޑިޒައިނަކާއެކު ތައާރަފުކޮށްގެން ކަމަށެވެ.
ރަން ދިހަފަހެއް ސީރީޒް އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތް ހޮވުން އޮތީ އަންނަ މަހުގެ 23 ވަނަ ދުވަހުކަމަށް އެމްއެމްއޭ އިން ބުނެ އެވެ.