02 Jan 2015, 15:47
އިސްލާމް އާބާދު (ޖަނަވަރީ 2): ދެހާސް ސާދަވަނަ އަހަރު އެމެރިކާއިން ޕާކިސްތާނަށް ދިން ވައިގެ ޙަމަލާތަކުގައި 153 މީހުން މަރުވެފައިވާ ކަމަށާއި އޭގެތެރޭގައި ގިނަ އަދަދެއްގެ އާންމުން ހިމެނޭ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފި އެވެ.
ހަނގުރާމައާއި ސަލާމަތާބެހޭ ދިރާސާތައްކުރާ ޕާކިސްތާން ސަރުކާރުގެ އިންސްޓިއުޓުން ބުނީ އެމެރިކާއިން ޕާކިސްތާނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ހަރުކަށި އަމަލުތަކެއް ކަމަށާ ފާއިތުވި އަހަރު އެމެރިކާއިން ޕާކިސްތާނަށް 24 ޙަމަލާދީ 153 މީހުން މަރާލާފައިވާ ކަމުގަ އެވެ. އެމެރިކާގެ އެ ޙަމަލާތަކުގެ ސަބަބުން ހަނގުރާމަވެރިންގެ ނުރައްކާ ކުޑަވުމުގެ ބަދަލުގައި އެމީހުންގެ ނުރައްކާ ބޮޑުވެ އެމީހުންގެ ބަދަލުހިފުމުގެ ޙަމަލާތައް އިތުރުވަމުންދާކަން ވެސް އެ އިންސްޓިޓިއުޓުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާއިން ޕާކިސްތާނަށް ދޭ ވައިގެ ޙަމަލާތަކުގައި މަރުވާ މީހުންގެ ތެރެއިން 70 އިންސައްތައަކީ ކުށެއް ނެތް އާންމުންނެވެ. މީހުން މެރުމުގެ މަގްސަދްގައި އެމެރިކާއިން ދޭ އެ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާ ކަމަށާއި އެ ޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާގެ ހަރުކަށި މަސްއޫލުވެރިންގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭނެ ކަމަށް ވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދެކެ އެވެ.
ޓެރަރިޒަމާ ދެކޮޅު ނަމުގައި 2000 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ ވަޒީރުސްތާނަށް ދެމުން ގެންދާ ޙަމަލާތަކުގައި 3400 މީހުން މަރާލާފައިވެ އެވެ. އަދި 20،000 ޒަޚަމްވެފައިވެ އެވެ.
އެމެރިކާގެ އެ ޙަމަލާތަކަށް 14 އަހަރު ވެފައި ވީނަމަވެސް ހަނގުރާމަވެރިންގެ މައްޗަށް އެމެރިކާއަށް ކާމިޔާބު ހޯދިފައެއް ނުވެ އެވެ. އެންމެ ފަހުން އަފްޣާނިސްތާނުން އެމެރިކާއާއި ނޭޓޯގެ ބާރުތައް ފާބައިފާވަނީވެސް ތާލިބާނުން ބަލިކުުރުމުގައި ނާކާމިޔާބުވެގެންނެވެ. ތާލިބާނުންނަކީ ވެސް އެމެރިކާ ފަދައިން ކުށެއްނެތް އާންމުން މެރުމުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެކެވެ. (ނޫސްއެޖެންސީތައް)